ޚަބަރު

ފައިނުގައި ހިނގި އެކްސިޑެންޓު: 2 ކުއްޖަކާއި އިތުރު މީހެއްގެ ހަލާތު ސީރިއަސް، ފަރުވާއަށް މާލެ ގެންނަނީ


  • އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 18 އަހަރުން ދަށުގެ 2 ކުއްޖަކާއި، 2 މީހުންނަށް

ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަރާތްތަކުގެ ހާލު ސީރިއަސްވެ މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

އެމީހުންނަށް ފައިނު ޞިއްޙީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ.

އުނގޫފާރު ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމަރ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ، އަނިޔާވި ކުޑަ ދެކުދިން އިތުރު ފަރުވާއަށް މާލެ ފޮނުވާލުވާލާފައިކަމަށެވެ. އަދި އަނިޔާވި 18 އަހަރުން މަތީގެ 2 މީހުންގެ ތެރެއިން އެކަކު މާލެ ފޮނުވާލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށެވެ. އެކްސިޑެންޓުގައި އަނިޔާވި 4 ވަނަ މީހާއަށް މީހާ އުނގޫފާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާކަމަށް ފަޒީލް ވިދާޅުވިއެވެ.

"ކުޑަ ދެކުދިން މާލެ ފޮނުވާލުމަށްޓަކައި މިހާރު ތިބީ އިފުރުގައި. ދެން ތިބި ދެމީހުންގެ ތެރެއިން އެކަކު މާލެ ފޮނުވާލުމަށް އާސަންދަ ހަމަޖެހިފައި ވަނީ. ޓްރާންސްޕޯޓް ހަމަޖެހުމާއެކު ފޮނުވާލަންވީ." ފަޒީލް ވިދާޅުވިއެވެ.

ރޭ 9:30 ހާއިރު ފައިނުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލްނުވެގޮސް މަގުމަތީ ހިނގާފައިދިޔަ ބައެެއްގެ ގައިގައި ޖެހިގެންނެވެ.