ޚަބަރު

ޕީއޭއަށް ލިބެންޖެހޭ ފައިސާ ޔަހޫދީން ހިފަހައްޓާނީ


ފަލަސްޠީނުގެ ސަރުކާރަށް ލިބެންޖެހޭ ޓެކްސް އާމްދަނީއާއި ބައިނަލްްއަޤްވާމީ އެހީ ޔަހޫދީން ހިފެހެއްޓުމުގެ ސަބަބުން ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ)އަށް ކުރިމަތިވެފައިވާ މާލީ ދަތިކަން ބޮޑުވެ، ހުޅަނގު އައްސޭރީގެ ޞިއްޙީ ނިޒާމު އޮތީ ނާޒުކު ޙާލަތެެއްގައެވެ. ހުޅަނގު އައްސޭރިއަށް ވަނީ ބޭހާއި, ޞިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ އެހެން ސާމާނު ލިބުމަށް ވަރަށް ބޮޑަށް ދަތިވެފައެވެ.

ޔަހޫދީން ޣައްޒާއަށް ބޭސް ވެއްދުމަށް ހުރަސްއަޅަމުންދާއިރު، ހުޅަނގު އައްސޭރިއަށް ބޭސް އެތެރެކުރުމަށް ހުރަހެއް ނާޅައެވެ. އޭގެ ބަދަލުގައި ހުޅަނގު އައްސޭރީގައި ކުރިމަތިވެފައިވާ މައްސަލައަކީ ބޭސް ގަނެވޭ ވަރަށް ޕީއޭއަށް ފައިސާ ނުލިބުމެވެ. ނަމަވެސް އިސްތިޢުމާރުކޮށްފައިވާ ސަރަޙައްދެއްގައި ބޭސް ފަރުވާ ލިބޭނެ ކަން ކަށަވަރުކުރުމުގެ ޤާނޫނީ ޒިންމާ އިސްތިޢުމާރުކޮށްފައިވާ ބާރުގެ މައްޗަށް އޮވެއެވެ.

ބައިތު ޖާލާ ސަރުކާރު ހަސްފަތާލަކީ ބައިތު ލަހުމް ގޮވަރުނޭޓުގައި ހުންނަ ހަމައެކަނި ސަރުކާރުގެ ހަސްފަތާލެވެ. އެ ހަސްފަތަާލަކީ ހުޅަނގު އައްސޭރީގެ ދެކުނު ސަރަޙައްދުތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންންނަށް ފަރުވާދޭ ހަސްފަތާލެވެ. އެ ގޮތުން ބައިތު ލަހްމްއާއި އަލްޚަލީލްއާއި އިރުމަތީ ޤުދުސްގެ ބައެއް ސަރަޙައްދުތަކާއި އަރީޙާގެ ބައެއް ސަރަޙައްދުތަކުގައި އުޅޭ މީހުން ކެންސަރުގެ ފަރުވާއާއި ޑަޔަލިސިސްގެ ޚިދުމަތް ހޯދަނީ އެ ހަސްފަތާލުންނެވެ.

ނަމަވެސް އެ ހަސްފަތާލުގައި ވެސް ކެންސަރު ޖެހިފައިވާ މީހުންނަށާއި ޑަޔަލިސިސް ހަދާ ބަލިމީހުންނަށް ކޮންމެހެން ބޭނުންވާ ފަރުވާތައް މިހާރު ނުދެވެއެވެ. ސާޖަރީ ބޭނުންވާ މީހުންގެ ސާޖަރީ ނުހެދި ލިސްޓު ދިގުވެފައިވާއިރު، ކީމޯތެރަޕީ ފަދަ ފަރުވާ ބޭނުންވާ މީހުންނަށް ފަރުވާ ނުލިބުމުގެ ސަބަބުން މީގެ ކުރިން ދީފައިވާ ފަރުވާއިން ލިބިފައިވާ ކުރިއެރުން ދަނީ ގެއްލެމުންނެވެ. ދެވަނަ އިންތިފާދާގެ ދުވަސްވަރު ވެސް ބޭހުގެ ދަތިކަން މި މިންވަރަށް ކުރިމަތިވެފައި ނުވާ ކަމަށް ބައިތު ޖާލާ ހަސްފަތާލުގެ ކެންސަރު ޑިޕާޓްމަންޓުގެ އިސްވެރިއެއް ކަމަށްވާ ޚަލްދޫން އަޟްވާން ވިދާޅުވެއެވެ. ފުދުންތެރިކަން ނެތް ކެންސަރު ޖެހިފައިވާ ބައެއް ބަލިމީހުންނަށް ފަރުވާ ނުލިބި އަނބުރާ ގެއަށް ދާން ޖެހިފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތަކުގައި ބުނެއެވެ. މެޑިކަލް ޗެކްއަޕްއެއް ހަދާލުމަށް ވެސް މިހާރު 200 ޝެކެލް ނުވަތަ 65 އެމެރިކާ ޑޮލަރު ވަރު ޚަރަދުކުރަން ޖެހެއެވެ.

މި ޙާލަތު އިތުރަށް ގޯސްވެފައި ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީން ޤާއިމްކޮށްފައިވާ އެކި ޗެކްޕޮއިންޓުތަކުގެ ސަބަބުންނެވެ. އޭގެ އިތުރުން މަގުތައް ބަންދުކޮށް، ފަލަސްޠީނުގެ ރައްޔިތުން އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ދިޔުމަށް ޔަހޫދީ ސިފައިން ހުރަސްއެޅުމުގެ ސަބަބުން، ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ޤުދުސްގައި ހުންނަ ޚާއްޞަ ހަސްފަތާލުތަކުން ޚިދުމަތް ހޯދުމަށް ވަނީ ދަތިވެފައެވެ. ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ޑަޔަލިސިސް ބޭނުންވާ ރައްޔިތަކު ބުނީ އޭނާ ދިރިއުޅޭ އަވަށް ޔަހޫދީން ބަންދުކުރުމުން ހަސްފަތާލަށް ދިޔުމަށް ޗެކްޕޮއިންޓެއްގައި އެތައް ގަޑިއިރެއް ހޭދަކުރުން ޖެހުނު ކަމަށެވެ. އޭނާއަށް އެންމެ ފަހުން ޖެހުނީ ވަރަށް ދިގު މަގެއް ބޭނުންކޮށްގެން ހަސްފަތާލަށް ދާށެވެ. އާންމުކޮށް 10 ޝެކެލް ޚަރަދުކޮށްގެން ކުރެވޭ ދަތުރަކަށް، އޭގެ ސަބަބުން އޭނާ 100އަށްވުރެ ގިނަ ޝެކެލް ޚަރަދުކުރަން ޖެހުނެވެ.

ޕީއޭއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކާއެކު ހުޅަނގު އައްސޭރީގައި ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް މިހާރު ލިބެނީ އެ މީހުންގެ މުސާރައިގެ ދެބައިކުޅަ އެއްބައެވެ. އެއާއެކު އެ މީހުން މަސައްކަތްކުރާ ގަޑިތައް ވެސް ވަނީ މަދުކޮށްފައެވެ. ޞިއްޙީ ވުޒާރާއިން ހިންގާ ކްލިނިކުތައް ވެސް މިހާރު ހުޅުވަނީ ޕާޓް-ޓައިމް އުސޫލުން ކަމަށްވިިއިރު، ހަސްފަތާލުތަކަށް ވަނީ އެންމެ ޙާލު ބޮޑު ބަލިމީހުންނަށް އިސްކަން ދިނުމަށް މަޖުބޫރުވެފައެވެ. ކީމޯތެރަޕީ ބޭހާއި އިމިއުނޯތެރަޕީ ބޭހުގެ އިތުރުން ބަޔޮލޮޖިކްސްއާއި ތަދުކަނޑުވާ ބޭހާއި ހޭނައްތާ ބޭސް ވެސް ހުޅަނގު އައްސޭރީގައި މިހާރު ނުލިބެއެވެ. ފައިގައި ރެނދެއްލާފައިވާ 22 އަހަރުގެ މީހަކު ވެސް ބުނީ އޭނާ އޮޕަރޭޝަން ނުކުރެވި ތިން ހަފްތާއަށްވުރެ ގިނަ ދުވަސް މަޑުކުރަން ޖެހުނު ކަމަށެވެ. އޭނާގެ އޮޕަރޭޝަން ފަސް ކުރަން ޖެހުނީ ފަރުވާއަށް ބޭނުންވާ ބޭސްތަކުގެ އިތުރުން އައްސިކުރާ ބޭހާއި ތަދުކަނޑުވާ ބޭސް ނުލިބިގެންނެވެ. އަދި އޭނާގެ ކުރިއަށް ކިޔުގައި 60 މީހުން އޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

ޞިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުން ބަލި މީހުންނަށް ވެސް ވަނީ އުނދަގޫ ނިންމުންތައް ނިންމަން މަޖުބޫރުވެފައެވެ. ކެންސަރަށް ފަރުވާ ހޯދަމުންދާ އުމުރުން ދުވަސްވީ މީހަކު ބުނީ އޭނާ ބޭނުންކުރާ ބޭސް ޤަވާއިދުން ނުލިބުމުގެ ސަބަބުންނާއި ބޭސް އަގުބޮޑުވުމުގެ ސަބަބުން ބޭސް ބޭނުންކުރާ މިންވަރު މަދުކުރަން ޖެހިފައިވާ ކަމަށެވެ. އެ ބޭސްތައް ގަތުމަށް ގާތްގަނޑަކަށް 20،000 ޝެކެލް، ނުވަތަ 6500 އެމެރިކާ ޑޮލަރު ޚަރަދުވާ ކަމަށް އޭނާ ބުންޏެވެ. މަލްޓިޕްލް ސްކްލެރޯސިސް ކިޔާ ބައްޔަކަށް ފަރުވާ ހޯދަމުންދާ ދަރިވަރެއްގެ މަންމަ، އެ ދަރިވަރަށް ފަރުވާ ދިނުމަށް ބޭނުންވާ އިންޖެކްޝަން ނުލިބިގެން އޭނާގެ ގެ ވިއްކާލަން ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ. އޭނާގެ ދަރިފުޅަށް ބޭނުންވާ ފަރުވާ ނުލިބުމުގެ ސަބަބުން މިހާރު ލޮލުގެ ފެނުން ގެއްލިފައިވާ ކަމަށާއި ހިނގާބިނގާވެ ވެސް ނޫޅެވޭ ކަމަށް އޭނާ ބުންޏެވެ.