ޚަބަރު

އުތުރު ކޮރެޔާގައި 20،000 މީހުންގެ ޖާގައިގެ ރިސޯޓެއް ހުޅުވައިފި


އުތުރު ކޮރެޔާގައި 20،000 މީހުންގެ ޖާގައިގެ ބޮޑު ރިސޯޓެއް ހުޅުވައިފިއެވެ.

އުތުރުކޮރެއާގެ އެ ބޮޑު ރިސޯޓު ހުޅުއްވައިދެއްވީ އެޤައުމުގެ ޒައީމް ކިމް ޖޮންގ އުންއާއި އޭނާގެ ދަރިކަނބަލުން ކިމް ޖޫ އައިއާއި އަނބިކަނބަލުން، ރި ސޮލް ޖޫއެވެ. ރިސޯޓު ހުވުޅައިދެއްވުމަށް ފަހު ކިމް އެ ރިސޯޓު ބައްލަވައިލެއްވިއެވެ.

ކިމް ވިދާޅުވީ އެ ރިސޯޓުވާނީ އުތުރު ކޮރެޔާއަށް މިއަހަރު ލިބޭ އެންމެ ބޮޑު އެއް ކާމިޔާބީއަށް ކަމަށެވެ. އެ ރިސޯޓަކީ އުތުރު ކޮރެޔާގެ ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށް ގެންގުޅޭ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅުކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އުތުރު ކޮރެޔާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ކިމް ގެންދަވަނީ އެ ޤައުމު ފަތުރުވެރިންގެ މަންޒިލަކަށް ހެއްދުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެެވެ. އަލަށް ހުޅުވި ރިސޯޓުގެ އިތުރުން އެހެން ސަރަޙައްދުތަކުގައި ވެސް އެ ފަދަ ރިސޯޓުތައް ބިނާ ކުރުމާމެދު އެ ޤައުމުން ދަނީ ވިސްނަމުންނެވެ.

‎އުތުރު ކޮރެޔާއަކީ އިރުމަތީ އޭޝިއާގައި އޮންނަ ވަރަށް އެކަހެރި ގައުމެކެވެ. އެ ޤައުމުގެ ގިނަ ކަންކަން އޮންނަނީ ޤައުމުން ބޭރުގެ މީހުންނަށް ނޭނގޭނޭހެން ސިއްރު ކޮށްފައެގެ. އެ ޤައުމު އުފެދުނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ކޮރެޔާ ޕެނިންސުލާ ބައިބައިވުމުން 1948ވަނަ އަހަރުގެ ތެރޭގައެވެ. އެ ޤައުމުގެ ސަރުކާރު ހިންގަނީ މިނިވަން ނޫސްވެރިކަމަށް ފުރުޞަތު ނުދީ، އަދި ދިމުޤުރާތީ އިންތިޚާބެއް ނުބާއްވާ ހަރުކަށި ޚުދުމުޚުތާރު ވެރިކަމެއްގެ ގޮތުގައެވެ. އެ ޤައުމުގެ ރައްޔިތުންގެ އާންމު ދިރިއުޅުމާބެހޭ އެންމެހާ ކަންކަން ވެސް އޮންނަނީ ދައުލަތުގެ ބާރުގެ ދަށުގައެވެ

އުތުުރު ކޮރެޔާގެ އައު ރިސޯޓު އާންމުންނަށް ހުޅުވައިލާނީ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް ބޭރުގެ ފަތުރުވެރިންނަށް ރިސޯޓު ހުޅުވާލާނީ ކޮން ތާރީޚެއްގައި ކަމެއް ނޭނގެއެވެ.

ކޯވިޑް-19 ފެތުރެން ފެށުމުން 2020ވަނަ އަހަރުގެ ތެރޭގައި އުތުރު ކޮރެޔާއިން ވަނީ އެ ޤައުމަށް ބޭރު ޤައުމުތަކުގެ މީހުން އެތެރެވުން މަނާ ކޮށްފައެވެ. މިއަދާ ޖެހެންދެން ވެސް އެ ޤަވާއިދަށް ފުރިހަމައަށް ލުއި ދީފައެއް ނުވެއެވެ. ނަމަވެސް އުތުރު ކޮރެޔާއާ ގުޅުން ބަދަހި ކުރަމުން އަންނަ ރަޝިޔާގެ ރައްޔިތުން މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެ ޤައުމަށް ދަތުރުކުރުމުގެ ފުރުޞަތު ވަނީ ދޭން ފަށައިފައެވެ. އެހެން ނަމަވެސް 2020ވަނަ އަހަރުގެ ކުރިން އުތުރު ކޮރެޔާއަށް ޒިޔާރަތް ކުރާ މީހުންގެ 90 އިންސައްތައަކީ ޗައިނާގެ ރައްޔިތުން ކަމަށްވާއިރު ޗައިނާގެ ފަތުރުވެރިން އައުމަށް އެ ޤައުމުން ފުރުޞަތު ހުޅުވާލާފައެއް ނުވެއެވެ.

ރިސޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި އުތުރު ކޮރެޔާއަށް ކަނޑައަޅާފައި ހުންނަވާ ރަޝިޔާގެ އެމްބެސަޑަރާއި އެމްބަސީގެ މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޚަރިޖީ ޙައިސިއްޔަތަކުން ޗައިނާ ސަރުކާރުގެ އެއްވެސް ބޭފުޅަކު ރަސްމިއްޔާތުގައި ބައިވެރިވި ކަމެއް އެނގިފައެއް ނުވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެހެން ޤައުމުތަކަށް ނިޞްބަތްވާ ފަތުރުވެރިންގެ ގުރޫޕެއް އުތުރު ކޮރެޔާއަށް އެތެރެވުމުގެ ފުރުޞަތު ދީފައިވެއެވެ. ނަމަވެސް ޖެހިގެން އައި މާރިޗު މަހުގެ ތެރޭގައި އުތުރު ކޮރެޔާގެ ޓުއަރތައް މެދުކަނޑާލާފައިވާ ކަމަށް ޓްރެވަލް އެޖެންސީތަކުން ވަނީ ބުނެފައެވެ. އޭޕްރިލް މަހުގެ ތެރޭގައި ބޭރުގެ ދުވުންތެރިން ބައިވެރިވި މެރެތޮނެެއް އުތުރު ކޮރެޔާގައި ބާއްވާފައިވެއެވެ.