ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އެމްޕަވަރމަންޓް ހަބެއް ޤާއިމުކުރަން ޒަކާތު ހައުސްއިން އެހީވަނީ


  • މިކަމަށްޓަކައި ޒަކާތު ހައުސްއާއި އިޖުތިމާޢީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ދެމެދުވަނީ އެއްބަސްވުމެއް ޤާއިމުކޮށްފައި

  • މި އެއްބަސްވުމުގެ މުއްދަތަކީ 25 އަހަރު

  • މި ހަބް ޤާއިމުކުރަކީ އަމާން އުދަރެސް ޓަވަރު 7 ގެ އެއްވަނަ ފަންގިފިލާގައި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އެމްޕަވަރމަންޓް ހަބެއް ޤާއިމުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އެމްޕަވަރމަންޓް ހަބެއް ޤާއިމުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ އެހީތެރިކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ފަރާތުންވަނީ އެދިފައެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ވިދާޅުވީ އެ ހަބް ޤާއިމުކުރުމަށް އެވުޒާރާއަށް، ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޒަކާތު ހައުސްއިން ނިންމާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 19 ވަނަ ދުވަހު ބޭއްވި ޒަކާތު ކައުންސިލްގެ ބައްދަލުވުމުގައިކަމަށެވެ.

މި ނިންމުމާ އެއްގޮތަށް މިހާރުވަނީ އެމްޕަވަރމަންޓް ހަބެއް ޤާއިމުކުރުމާ ގުޅޭގޮތުން ޒަކާތު ހައުސްއާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމެއް އެކުލަވާލާފައެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިއެއްބަސްވުމުގެ މުއްދަތަކީ، މީލާދީގޮތުން 25 އަހަރުކަމަށެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު އައްޝައިޚް ޢިއްޒުއްދީން އަދްނާނެވެ. އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާއިލް ޢަލީއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ އެމްޕަވަރަމަންޓް ހަބް ޤާއިމުކުރުމުގެ ބޭނުމަކީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީ މިހާރު އިތުރުވަމުންދާތީއާއި ރަސްމީ ތަޢުލީމު ނިންމުމަށްފަހު މުޖުތަމަޢުއަށް ނިކުންނަ ނުކުޅެދުންތެރި ކުދީންނާއި ތަފާތު ހުނަރުތައް ލިބިފައިވާ ނުކުޅެދުންތެރި މީހުން މުޖުތަމަޢުގައި އިތުރުވަމުންދާތީ އެފަދަ މީހުންނާއި ކުދީންގެ ހުނަރު ތަރައްޤީކޮށް، އިސްލާމީ ތަރުބިއްޔަތު ދިނުމާއި އިތުރަށް ބާރުވެރިކުރުމަށާއި އެފަދަ ފަރާތްތަކަށް ބޭނުންވާ ދީނީ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށާއި އެ ފަރާތްތަކަށް މާލީ ތަނަވަސްކަން އިތުރުކުރުމުގެ ފުރުސަތު ހޯދައި ދިނުމަށްކަމަށެވެ.

މި "އެމްޕަވަރމަންޓް ހަބް" ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްއިން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ އަމާން އުދަރެސް ޓަވަރު 7 (ހުޅުމާލެ ފޭސް 2) ގެ އެއްވަނަ ފަންގިފިލާއެވެ. މި ހަބު މެދުވެރިކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެތަކަށް ފައިދާތަކެއް ކުރާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.