ކުޅިވަރު

ވީއޭއެމް ކަޕް: ފުރަތަމަ މެޗު ދިވެހި ސިފައިންގެ ކުލަބަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމް ކަޕް 2025 ގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗު ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކޮށްފިއެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ތިން ސެޓުވެސް ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ވާދަކޮށް ގެންގޮސްފައި ވަނީ ދިވެހި ސިފައިންގެ ކުލަބުންނެވެ. މިމެޗު ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކޮށްފަވަނީ 25-21، 25-23 އަދި 25،21 ގެ ނަތީޖާއަކުންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުރިއަށް ދިޔަ މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ދިވެހި ސިފައިންގެ ކުލަބުގެ ލުއިޒް ފިލިޕޭ ފެރެއިރާ ޕެރޯޓޯއެވެ.

ވީއޭއެމް ކަޕުގައި އަށް ޓީމަކުން ވާދަކުރާނެއެވެ. ޓީމުތައް ދެ ގްރޫޕަކަށް ބެހިފަވާއިރު، ގްރޫޕް އޭ ގައި ހިމެނެނީ ކުލަބު އެޗްޑީސީ، ހުރާ ކޮމިއުނިޓީ ކުލަބު، ސްޕޯޓްސް ކުލަބު ސިޓީ އަދި ބުލޫސް ފޯރ ވޮލީބޯލްއެވެ. އަދި ގްރޫޕް ބީގައި ހިމެނޭ ޓީމުތަކަކީ ދިވެހި ސިފައިންގެ ކުލަބު، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު، ޕޮލިސް ކުލަބު އަދި ދަ ސަދާން ސްޕޯޓްސް ކުލަބެވެ.

މިމުބާރާތުގެ ކުޅުން ފުރަތަމަ ތިން ދުވަހު ތިންވަގުތެއްގައި ކުރިއަށްދާނެއެވެ. އެއީ މެންދުރުފަހު 03:00އާއި، ހަވީރު 05:00ގެ އިތުރުން ރޭގަނޑު 08:30ގައެވެ.