ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރާ ވަގުތުތައް އެއް މިނެއްގައި ހިފެހެއްޓުމަށް ނިންމާ، ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރަންވީ ވަގުތުތައް މިސްކިތްތަކާއި ބެހޭ ޤައުމީ މަޖިލީހުގެ ލަފާއާއެކު ނިންމައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ނިންމުން މިހާރު ކައުންސިލްތަކަށް އަންގާފައިވާކަމަށެވެ. މިގޮތަށް ކަނޑައަޅާފައި މިވަނީ މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައި ބަންގިއާއި ގަމަތާ ދެމެދު އެއްމިނެއްގައި ހިފެހެއްޓުމަށްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އެގޮތުން ފަތިސް ނަމާދުގައި ބަންގިއާއި ގަމަތާއި ދެމެދު 15 މިނެޓު، މެންދުރު ނަމާދާއި ޢަޞުރު ނަމާދުގައި 12 މިނެޓު، މަޣްރިބް ނަމާދުގައި 8 މިނެޓު އަދި ޢިޝާ ނަމާދުގައި 10 މިނެޓުކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ.
މި ނިންމުމަކީ ބަންގިއާއި ގަމަތާއި ދެމެދު މިހާރު ސުންނަތް ނަމާދު ކުރުމަށް ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން އާއްމުންގެ ޝަކުވާ ވުޒާރާއަށް ލިބުމާއި ގުޅިގެން އެކަމާއި ރިއާޔަތްކޮށްގެން ގެނެސްފައިވާ ނިންމުމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.