ޚަބަރު

ޔަހޫދީންނަށް ޖާސޫސްކޮށްދިން ތިން މީހަކަށް އީރާނުން މަރުގެ އަދަބު ދީފި


ޔަހޫދީންނަށް ޖާސޫސް ކޮށްދިނުމުގެ ކުށް ސާބިތުވި ތިން މީހަކަށް އީރާނުން މަރުގެ އަދަބު ދީފިއެވެ. މި ކަން ހާމަކޮށްފައި ވަނީ އީރާންގެ ޝަރުޢީ ދާއިރާގެ ޚަބަރުތައް ގެނެސްދޭ މީޛާން ނޫސް އޭޖެންސީންނެވެ. އެ ތިން މީހުންނަށް މަރުގެ އަދަބު ދީފައި ވަނީ، ޔަހޫދީންގެ ޖާސޫސީ އިދާރާ، މޮސާދާ ގުޅިގެން ޔަހޫދީންނަށް ޖާސޫސް ކޮށްދިނުމާއި، އީރާންގެ އިސް އޮފިޝަލަކު ޝަހީދު ކޮށްލުމުގައި ބޭނުން ކޮށްފައިވާ ހަތިޔާރާއި އެހެނިހެން ސާމާނު ވަގަށް އެތެރެ ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.

އީރާނާއި ޒަޔަނިސްޓުންގެ އިސްރާއީލަކީ ޒަމާންވީ ދުޝްމިނުންނެވެ. ޖޫން 13ވަނަ ދުވަހު ޔަހޫދީން ވަނީ އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށާފައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހިންގަމުންދާ މަރުކަޒުތަކަށެވެ. އަދި، އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންޓިސްޓުންގެ އިތުރުން ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށެވެ. އޭގެ ރައްދުގައި އީރާނުން ވެސް ވަނީ ޒަޔަނިސްޓުންގެ ރަށްތަކަށް ވަރުގަދަ ޙަމަލާތަކެއްދީ، ގިނަ އަދަދެއްގެ ޔަހޫދީން މަރައިލައި، ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

12 ދުވަހަށް ދެމިގެން ދިޔަ ޙަމަލާ ބަދަލު ކުރުންތައް މެދުކަނޑައިލާފައި ވަނީ ޖޫން 24ވަނަ ދުވަހުއެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 1,054އަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 4,476އަށް އަރައެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާތައް ދީފައި ވަނީ އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުމާ އެކުގައެވެ. ޔަހޫދީންނާ ބައިވެރިވުމުގެ ގޮތުން ޖޫން 22ވަނަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ވެސް އީރާންގެ ތިން ރަށަކަށް ބޮން އަޅާފައިވެއެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ނަޠާންޛާއި ފޫރްދޫގެ އިތުރުން އަޞްފިހާންގައި ހުރި ނިއުކްލިޔަރ މަރުކަޒުތަކަށެވެ.

މީޛާން ނޫސް އޭޖެންސީން ބުނީ، މަރުގެ އަދަބު ދީފައިވާ ތިން މީހުންނަކީ، އެ ޤައުމުގެ އިސް އޮފިޝަލެއް ޝަހީދު ކޮށްލުމަށް ބޭނުން ކޮށްފައިވާ ހަތިޔާރާއި އެހެނިހެން ސާމާނު އެތެރެ ކުރުމުގައި ޔަހޫދީންނާ ބައިވެރިވެ، މޮސާދަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ތިން މީހުން ކަމުގައެވެ. ނަމަވެސް، ޝަހީދު ކޮށްލާފައި ވަނީ ކޮން މީހެއް ކަން އެ ނޫހުން ހާމަކޮށްފައެއް ނެތެވެ. މިއީ، ޔަހޫދީންނަށް ޖާސޫސް ކޮށްދިނުމުގެ ކުށް ސާބިތު، އީރާންގައި ބަޔަކަށް މަރުގެ އަދަބު ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ.