ޚަބަރު

މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓަރީ ވެފައިވާ 14 މަސްވެރިއަކަށް ލޯނު ދޫކޮށްފި


  • މަސްވެރިންނަށް ލޯނު ދޫކުރަން ފަށާފައިވަނީ މެއި މަހުގެ 1

  • މިހާތަނަށް 38 މަސްވެރިއަކު ލޯނަށް އެދި ހުށަހަޅާފައިވޭ

މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބީއެމްއެލްއިން މިހާތަނަށް 14 މަސްވެރިއަކަށް ލޯނު ދޫކޮށްފިއެވެ. ބީއެމްއެލްއިން މަސްވެރިންނަށް ލޯނު ދޫކުރަން ފަށާފައިވަނީ މިދިޔަ މެއި މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ.

މަސްވެރިންނަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލުއިލޯނާއި އެސްޓީއޯ ކްރެޑިޓް ފެސިލިޓީއަށް އެދުމުގެ ފުރުޞަތު ފަހިކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މަސައްކަތުގެ ތެރެއިން މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުގެ 28ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން މަސްވެރިންނަށް ލޯނު ދޫކުރަން ފަށާފައިވަނީ މެއި މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ.

މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 38 މަސްވެރިއަކު ލޯނަށް އެދި ހުށަހަޅާފައިވާކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ. މި 38 އެޕްލިކޭޝަންގެ ތެރެއިން 8 އެޕްލިކޭޝަނެއް މިހާރު ވަނީ ޕްރޮސެސިންގ މަރުހަލާގައެވެ. އަދި ބީއެމްއެލްއިން ވަނީ މިހާތަނަށް 14 މަސްވެރިއަކަށް ލޯނު ދޫކޮށްފައެވެ.

މަސްވެރިންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު މިހާރު ދަނީ ލިބެމުންނެވެ.

މި އިންތިޒާމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ (އަމިއްލައަށް ޚަރަދުކުރަންޖެހޭ ފައިސާ) ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގް ނެގެއެވެ. އަދި މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ބޭންކުން ވަނީ ހަމަޖައްސާދީފައެވެ.

ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ޕަރސަނަލް ފައިނޭންސިންގް އަދި ލުއި ލޯނަށް އެދި ހުށަހެޅޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް މި ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.

އެގޮތުން މަސްވެރިންނަށް މިހާރު ދަނީ ޤަވާއިދުން 48 ގަޑިއިރުގެތެރޭގައި ފައިސާ ދޫކުރަމުންނެވެ. މިއާއެކު މަސްވެރިންނަށް ވަނީ މަސްވެރިކަމަށް ނިކުތުމަށް އައު ހިތްވަރެއް ލިބިގެން ގޮސްފައެވެ.