ޚަބަރު

ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


  • ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެއްވި

  • ވަޒީރު ވަނީ އޭއައިއައިބީގެ ގަވަރނަރުންގެ ޚާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގެންނަވާފަ

ރާއްޖޭގެ މާލީ ހާލަތު އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ޗައިނާގެ ސައިނޯޝުއަރގެ ކުންފުނީގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް، އޭއައިއައިބީގެ 10ވަނަ އަހަރީ ޖަލްސާގައި ބައިވެރިވުމަށް، މާލީ ވަޒީރު މޫސާ ޒަމީރު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޗައިނާ އެކްސްޕޯޓް އެންޑް ކްރެޑިޓް އިންޝުއަރެންސް ކޯޕަރޭޝަން، ސައިނޯޝުއަރގެ އިސްވެރިންނާ ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޒަމީރު ވަނީ ޗައިނާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ އަދި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާ ބެހޭ އެންމެފަހުގެ މައުލޫމާތުތައްވެސް ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ. އަދި ސަރުކާރުން މިހާރު ކުރިއަށްގެންދާ މާލީ އިސްލާޙީ ފިޔަވަޅުތަކުގެ މަޢުލޫމާތުވެސް ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން، ރާއްޖޭގެ މިހާރުގެ މާލީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދިވެހި ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ދައުލަތުގެ މަޝްރޫޢުތަކުގައި ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކަށް ދެމުންގެންދާ އަހައްމިއްޔަތުކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރާއެކު، ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. ފަޟީލް ނަޖީބު، ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އަލީ ސާޖިދު ޝާކިރު، ސެކަންޑް ސެކްރެޓަރީ މިޒްނާ ވަޙީދު، އަދި މާލީ ވުޒާރާގެ ރިސޯސް މޮބިލައިޒޭޝަން އެނަލިސްޓް ރައުޙާ އިބްރާހީމްވެސް ބައިވެރިވަޑައިގަތެވެ.

މާލީ ވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް، އޭއައިއައިބީގެ ގަވަރނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން ބޭއްވުނު ގަވަރނަރުންގެ ޚާއްސަ ޖަލްސާގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޖަލްސާގައި އޭއައިއައިބީގެ ރައީސްއަކަށް ޒޯ ޖިއާޔީ ވަނީ ކަނޑައަޅުއްވާފައެވެ. ވަޒީރު ޒަމީރު، ޒޯ އިންތިޚާބުވެވަޑައިގަތުމުން އޭނާއަށް މަރުޙަބާ ދަންނަވާފައެވެ. އަދި މި ޖަލްސާގައި ވަޒީރު ވަނީ ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް އޭ.އައި.އައި.ބީ ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭގެ ތާއީދު އޮތްކަމަށްވެސް ވިދާޅުވެފައެވެ.

އޭއައިއައިބީގެ 10 ވަނަ އަހަރީ ބައްދަލުވުން މިމަހުގެ 26އާ ހަމައަށް ކުރިއަށްދާނެއެވެ. މި ބައްދަލުވުން އޮންނަނީ ބެއިޖިންގގައި ހުންނަ ޗައިނާ ނޭޝަނަލް ކޮންވެންޝަން ސެންޓަރު 2 ގައެވެ. މި ބައްދަލުވުމުގައި އޭ.އައި.އައި.ބީގެ މެންބަރު ގައުމުތަކާއި، ބައިވެރިންނާއި، ވިޔަފާރިވެރިންނާއި، ސިވިލް ސޮސައިޓީގެ ޖަމިއްޔާތަކާއި، މީޑިއާގެ ފަރާތްތަކާއި، ބައިނަލްއަޤްވާމީ މާހިރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.