ކުޅިވަރު

ކުޅިވަރުގެ ދާއިރާއިން އިނގިރޭސިވިލާތާ ގުޅުން ބަދަހިކުރުމަށް ވަޒީރު މަޝްވަރާކުރައްވައިފި


ކުޅިވަރުގެ ދާއިރާއިން އިނގިރޭސިވިލާތާ ގުޅުން ބަދަހިކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯވ އާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި އަލިއަޅުއްވާލައްވާފައިވަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ދެ ޤައުމުން ގުޅިގެން ކުރިއަށްގެންދެވިދާނެ ކަންކަމުގެ މައްޗަށެވެ.

މިބައްދަލުވުމުގައި ވަޒިރު ރާފިޢު ވަނީ ރާއްޖޭގެ ކުޅިވަރުގެ ހާލަތު ސަފީރާ ހިއްސާކޮށްދެއްވާފައެވެ. މީގެ އިތުރުން ދާދިފަހުން ފާސްކުރެވުނު ކުޅިވަރު ޤާނޫނަށް ގެނެވުނު ބަދަލުތައްވެސް ވަޒީރު ވަނީ ސަފީރާ ހިއްސާކުރައްވާފައެވެ. އަދި ކުޅިވަރު ޤާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ދިވެހި ކުޅިވަރަށް އަންނާނެ ކުރިއެރުން ފާހަގަކުރައްވާ އެކަމާ ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުވުމުގައި މަޝްވަރާކުރެވުނު އިތުރު ކަންކަމުގެ ތެރޭގައި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށް އެހީތެރިވެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ އެހީއާއެކު ކޯޗުންނާއި ރެފްރީން ތަމްރީނު ކުރުންފަދަ ޕްރޮގްރާމުތައް ރާވާ ހިންގުމަށް މަޝްވަރާކުރެވުނެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއާ ގާތްގުޅުމެއް އޮންނަ ޤައުމެކެވެ. މިގޮތުން ފަންނީ ދާއިރާތަކުން ދިވެހިން ތަމްރީނު ކުރުމުގެ ގިނަ ޕްރިގްރާމުތަކެއް އެޤައުމުން މިހާރުވެސް އަންނަނީ ހިންގަމުންނެވެ.