ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ ވީއޭއެމް ކަޕް 2025 އަށް އަންހެން މެނޭޖުމަންޓެއްގެ ބެލުމުގެ ދަށުން ތައްޔާރުވަމުން އަންނަ ދަ ސަދާން ސްޕޯޓްސް ކުލަބުން މުބާރާތާ ކުރިމަތިލާނީ ޖެހިލުމެއްނެތި، ދެވެން އޮތް އެންމެ ދުރަކަށް ދިޔުމަށް ކަމަށް އެ ޓީމުގެ ކޯ ފައުންޑަރ އަދި ރައީސް އާއިޝަތު ޝީނާ ބުނެފިއެވެ.
އިމާދުއްދީނު ސްކޫލުގެ އިންޑޯ ކޯޓުގައި ކުރިއަށްދިޔަ ފަރިތަކުރުންތަކުގެ ތެރެއިން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ޝީނާ ބުނީ ޓީމަކީ ރާއްޖޭގެ އެކި ހިސާބުތަކުން ކުޅުންތެރިން އެއްކުރެވިގެން ތައްޔާރުކުރެވުނު ޓީމެއް ކަމަށާއި، އެހެންކަމުން ޓީމު އެކީގައި މުބާރާތަށް ފަރިތަކުރަމުންދާތާ އަދި ވީ އެންމެ ހަފުތާއެއްހާ ދުވަސް ކަމަށެވެ.
"މިޓީމުގެ އަސްލު ޕްލެޔާރުންނަކީ އެކި ރަށްރަށުން އަޅުގަނޑުމެން ގެނެސްގެން ފުރުސަތުދީގެން ކުރިއަށްގެންދާ ޓީމަކަށްވާތީވެ އަސްލު ޕްރެކްޓިސް ކޮންޓިނިއަސްލީ ފަށައިގެންދާތާ އަދި ވީކެއްވަރު މިވީ." ޝީނާ ބުންޏެވެ.
ސްރީ ލަންކާގެ ދެ ކުޅުންތެރިއަކު ޓީމާ ގުޅިފައިވާ ކަމަށާއި، އެތަނުން އެއް ކުޅުންތެރިއަކީ އުމުރުން އަދި 18 އަހަރުގެ ކުޅުންތެރިއެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ޓީމަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ ޓީމެއް ނަމަވެސް، ޓީމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ކުޅުންތެރިން ހިމެނޭ ކަމަށް ޝީނާ ވަނީ ބުނެފައެވެ. އަދި ސަދާން ސްޕޯޓްސް ކުލަބުން ވީއޭއެމް ކަޕުގައި ވާދަކުރާ ސްކޮޑާ ދޭތެރޭ ބޮޑު އުއްމީދެއް އެބައޮތް ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.
"ސްކޮޑް ހަމަ ވަރަށް ހިތްހަމަޖެހޭ، އިންޝާﷲ، ބުނެވޭނީ ރަނގަޅު ޕާރފޯރމަންސެއް ދެވޭތޯ ވަރަށް ޓްރައި ކުރާނޭ." ޓީމާ މެދު ކުރާ އުއްމީދާ ގުޅޭގޮތުން ޝީނާ ބުނެފައިވެއެވެ.
ދަ ސަދާން ސްޕޯޓްސް ކުލަބަށް އިރުޝާދުދެމުންދާ ކާމިޔާބު ކޯޗު މަރްޔަމް ނާޒިމާ ބުނީ ޓީމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭކަމަށެވެ. އަދި ޓީމަކީ އެކި ހިސާބުތަކުން ހޮވާލެވިފައިވާ ހުނަރުވެރި ޓީމެއް ކަމަށާއި، މިމުބާރާތުގެ ސަބަބުން އެކުޅުންތެރިންނަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާކަމަށް ނާޒިމާ ބުންޏެވެ.
"ކުޅުމުގެ ފުރުސަތު ނުލިބިފަ ތިބި ބައިވަރު ކުޅުންތެރިންނަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއް މިއީ އަސްލު ލިގެން މިދަނި. މީގެ ތެރޭގަ ރާއްޖޭގަ ހަމަ ރަނގަޅު ލެވެލްއަށް ކުޅެފަތިބި ކުޅުންތެރިން އެބަތިބި. އަދި އޭގެ އިތުރުން ރާއްޖޭން ބޭރުން މިކުޅުންތެރިންނަށް ހިތްވަރުދޭން ދެ ކުޅުންތެރިން އެބަތިބި" ކުޅިވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ނާޒިމާ ބުނެފަވެއެވެ.
ވީއޭއެމް ކަޕް ބުދަ ދުވަހު ފަށާއިރު، ސަދާން ސްޕޯޓްސްއިން ކުޅޭ ފުރަތަމަ މެޗު ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 08:30 އަށެވެ. އެ މެޗުގައި ދެކޮޅަށް ނުކުންނާނީ ދިވެހި ސިފައިންގެ ކުލަބެވެ. ދަ ސަދާން ސްޕޯޓްސް ކުލަބުގެ ކޯ ފައުންޑަރ ބުނީ ވީއޭއެމް ކަޕާ ކުރިމަތިލާނީ ޖެހިލުމެއްނެތި ވަރުގަދަ އަޒުމެއްގައި ކަމަށެވެ. އޭނާ ބުނީ "ވޭހެއް، ކެރާށުން، ކެރުވާށުން" ކަމަށެވެ.
"އަޅުގަނޑުމެންގެ އަބަދުވެސް ޓާގެޓަކީ ދެވެން އޮތް އެންމެ ދުރަކަށް، ކުރިއަކަށް ދާން. އެއީ، އަލުގަނޑުމެން މިޓީމު އެންމެ ފުރަތަމަ ޖާރނީ ފެށީ އައްޑޫއިން. ފެށިގެން މިހާ ހިސާބަށް އައިއިރުވެސް އަޅުގަނޑުމެންގެ މޮޓޯއަކަށްވެސް ހަދާފަ އޮންނާނީ އައްދޫ ބަހުން ބުނަންޏާމުން "ވޭހެއް، ކެރާށުން، ކެރުވާށުން"، ދިވެހި ބަހުން ބުނަންޏާމުން "ވާނެ، ކުރާނަން، ކުރުވާނަން، ވީމާ އިންޝާﷲ އެއަޒުމުގައި ގަދަ ހިތްވަރާއެކު ކުރިމަތިލާން ގަސްދުކޮށްގެން ކުރިއަށް މިދަނީ." ޝީނާ ބުނެފައިވެއެވެ.