ކަނޑުތައް ޙިމާޔަތްކޮށް، ކަނޑުތަކުން ލިބޭ ނަފާ ދެމެހެއްޓެނިވިގޮތެއްގައި އިތުރުކުރުމަށް މަސައްކަތްކުރަންޖޭކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި "މޫދު ފެސްޓް"ގެ ނަމުގައި ކުރިއަށް ގެންދިޔަ ފެސްޓިވަލްގައި ޕީއެސްއެމް ނިއުސްއަށް ދިން ޚާއްސަ އިންޓަވިއުއެއްގައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ "މޫދު ފެސްޓް"ގެ މައިގަނޑު ބޭނުމަކީ ވީހާވެސް ގިނަ ބަޔަކު މޫދަށް އަހުލުވެރި ކުރުވުންކަމަށެވެ. އަދި މިކަން މިހާރުގެ ޖީލުން ތަޖުރިބާކޮށް އަންނަން އޮތް ޖީލަށްވެސް މިކަން ދެމިގެން ދިއުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ. ކަނޑުތައް ޙިމާޔަތް ކުރުމަށާއި، ކަޑުތަކުން ލިބޭ ނަފާ ދެމެހެއްޓެނިވި ގޮތެއްގައި އިތުރު ކުރުތުމަށްވެސް ވިސްނަން ޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މަސްވެރިކަމާބެހޭ ވަޒީރު ވިދާޅުވީ ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަގަކުރުމަށް ރައިސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ބާރުއަޅުއްވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ މަސްވެރި ސިނާއަތު އޮތް ހާލަތާ، މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމައްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށްވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ. އަދި ކަނޑުތަކާ ގުޅޭ ދިރާސާގެ މަސަައްކަތް ކުރުމަށް އެ ދާއިރާއިން މީހުން ބިނާކުރުމަށް ޚާއްސަ އިިސްކަމެއް ދެއްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ވަރަށް ބޮޑަށް ރިސާރޗަށް ބޭސްކޮށް ދިވެހިރާއްޖޭގެ ކަންކަން ނިންމުމަށް ރައިސުލްޖުމްހުރިއްޔާ ބާރު އަޅުއްވާ. އަޅުގަނޑުމެންވެސް ކަނޑުގެ ކަންކަން ކުރާއިރު ބަލަނީ ރިސާރޗް ބޭސްޑް މަސައްކަތްތަކެއްގެ އަލީގައި. ޙަޤީޤަތުގައި އަޅުގަނޑުމެން ނަގާ ޑިޒިޝަނެއްވެއްޖެޔާވެސް ނަގަން މަސައްކަތް މިކުރަނީ ރިސާރޗަށް ބޭސްކޮށް." ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
މޫދު ފެސްޓްގައި ކުރިއަށް ގެންދިޔަ އެންމެ މުހިންމު އެއްކަމަކީ ކުޑަ ކުދިންނަށް އަމާޒުކޮށްގެން ކަނޑުގެ ރީތިކަން ތަޖުރިބާ ކުރުމުގެ ފުރުޞަތު ދިނުމުގެގޮތުން ކުރިއަށްގެންދެވުނު "ޑިސްކަވަރ ޑައިވް"އެވެ.
މިހަރަކާތަކީ ކުޑަކުދިންނަށް ޑައިވްކުރުން ތަޖުރިބާ ކުރުމަށް ހިންގި ހަރަކާތެކެވެ. އެގޮތުން މި ހަރަކާތުގައި ޖުމްލަ 40 ކުދިން ވަނީ ބައިވެރިވެ ކަނޑުގެ ރީތިކަން ބަލާލާ ތަޖުރިބާ ކޮށްލާފައެވެ. މި ހަރަކާތުގައި ބައިވެރިވި ހުރިހާ ބައިވެރިންނަށާއި އެހީތެރިވި ފަރާތްތަކަށް ވަނީ ސެޓްފިކެޓް ހަވާލްކޮށްފައެވެ.
"ޑިސްކަވަރ ޑައިވް" ހަރަކާތުގައި ބައިވެރިވި ކުދިން ފާހަގަ ކޮށްފަވަނީ އެކި ކަހަލަ މުރަކައާއި ރީތި މަސްތައް ފެނިފަވާކަމަށެވެ. އަދި މި ފުރުޞަތު ތަޖުރިބާ ކޮށްލަން ލިބުމަކީ ވަރަށް އުފާވާ ކަމެއްކަމަށެވެ.
"ވަރަށް ރީތި މުރަކަ ފެނުން. ރީތި މަސްވެސް އުޅޭ. ވަރަށް އުފާވޭ ޑައިވް ކޮށްލަން ލިބުނީމަ." ޑިސްކަވަރ ޑައިވްގައި ބައިވެރިވި ކުއްޖެއް ފާހަކަކުރިއެވެ.
މި ހަރަކާތުގައި ވަޒީރުގެ އިތުރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރުވެސް ބައިވެރިވެވަޑައިގަތެވެ.
މޫދު ފެސްޓްގައި ކަނޑާ ގުޅޭ އެކިއެކި ހަރަކާތްތައް ބޭއްވުމަށް ގިނަ ސްޓޯލްތަކެއް ވަނީ ބެހެއްޓިފައެވެ. މިފެސްޓިވަލްގައި އެވުޒާރާއާއި ސަރުކާރުގެ އިދާރާތަކާއި ވިޔަފާރިތަކާއި ތިމާވެށި ދާއިރާގެ އެންޖީއޯތަކާއި ކާބޯތަކެތި ވިއްކާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.