ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް އެންމެ ބޮޑު ބަދަލެއް ގެނުވާނެ މަޝްރޫޢަކީ ވީއައިއޭގައި މިހާރު ތަރައްޤީކުރަމުންދާ ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތެކެވެ. މިމަޝްރޫޢުގެ މަސައްކަތްތައް ސަރުކާރުން އެތައް ގުނައެއް ހަލުވިކޮށްފައިވާއިރު، މިހާރު ކުރަމުންދަނީ ޓަރމިނަލް ހުޅުވާ ޚިދުމަތް ފެށުމަށް ވަމުން އަންނަ ފަހުގެ ތައްޔާރީތަކެވެ.
ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ކުރިއެރުވުމުގެ އެންމެ ބޮޑު ބޭނުމަކަށްވަނީ ރާއްޖޭގެ އިޤްތިޞާދު އެކަމަކަށް ބަރޯސާވާ، ފަތުރުވެރިކަމުގެ ޚިދުމަތް ފުޅާކުރުމެވެ. އަހަރަކު އެތައް ރިސޯޓްތައް މާކެޓަށް ނެރެމުންދާއިރު، އެ ރިސޯޓްތަކަށާއި، ރަށްރަށަށް ޗުއްޓީ ހޭދަކުރުމަށް، މިހާރުވެސް މިލިއަނުން ރާއްޖެއަށް ފަތުރުވެރިން އަންނަނީ ޒިޔާރަތްކުރަމުންނެވެ. ނަމަވެސް އިތުރުވަމުންދާ ރިސޯޓްތަކަށް ކޭޓަރ ކުރުމަށް، ރާއްޖޭގެ އެއަރޕޯޓްތަކުން ޚިދުމަތްދޭ ކެޕޭސިޓީ ވަނީ އިތުރުކުރަންޖެހިފައެވެ.
މީގެ އެންމެ ބޮޑު، އަދި މުހިންމު މަޝްރޫޢަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢެވެ.
ރާއްޖެއަށް މިހާރު އަހަރަކު 2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އަންނައިރު، އައު ޓަރމިނަލް ފެސިލިޓީއަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޓަރމިނަލެވެ. މިހާރު ބޭނުންކުރާ ވެލާނާ އެއަރޕޯޓްގެ ޓަރމިނަލުން ޚިދުމަތް ދެވެނީ 1.5 މިލިއަން މީހުންނަށެވެ. މިތަނުން މިހާރު ޚިދުމަތްދެމުންގެންދަނީ ފެސިލިޓީއަށްވުރެ އިތުރަށެވެ.
ރާއްޖޭގެ އިޤްތިޞާދާ ގުޅިފައިވާ މިމަޝްރޫޢަކީ، ރާއްޖެއަށް މިވަގުތު އެންމެ މުހިންމު ޢުމްރާނީ ތަރައްޤީގެ މަސައްކަތްކަމަށް ދެކެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންދަވަނީ ޚާއްސަ އިސްކަމެއް ދެއްވައިގެން ޓަރމިނަލް ނިންމުމުގެ މަސައްކަތް ކުރިއަށްގެންދަވަމުންނެވެ.
ވެރިކަން ލިބިވަޑައިގެން، ހުވާ ކުރެއްވުމުގެ ކުރިންވެސް އެމަނިކުފާނުވަނީ ޓަރމިނަލްގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ވަޑައިގެން މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. އަދި މިދިޔަ މަރޗްމަހުވެސް މަސައްކަތްތައް ބައްލާވައްލެއްވިއެވެ. މިއިން ކޮންމެ ޒިޔާރަތަކަށްފަހުވެސް ކޮންޓްރެކްޓަރާ އަދި މަޝްރޫޢަށް ފައިނޭންސްކުރާ ފަރާތްތަކާ ބައްދަލުކުރައްވާ، މަސައްކަތް އަވަސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ގެންދެވީ ކުރައްވަމުންނެވެ. ނަތީޖާއެއްގެ ގޮތުން، އައު ޓަރމިނަލް ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީވަމުންނެވެ. ކުރިން އޮކްޓޯބަރުމަހު ހުޅުވުމަށް ނިންމި ޓަރމިނަލް މަސައްކަތް ހަލުވިކުރައްވާ އަންނަ ޖުލައިމަހުގެ 26ވަނަ ދުވަހު ޓަރމިނަލް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.
ވީއައިއޭގެ އައު ޓަރމިނަލް ހުޅުވުމުގެ ކައުންޓް ޑައުން ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، ޓަރމިނަލް ނިންމުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ. މިއާއެކު ސަރުކާރުން މިމަޝްރޫޢަށް ދެމުންދާ އިސްކަން ފެނިގެންދާކަމަށް ޝަރީފް ވިދާޅުވިއެވެ.
"ވަރަށް ކުރު މުއްދަތެއްގައި ވަރަށް ބުރަ މަސައްކަތެއް މިކުރެވެނީ. ކުރިން ލަސްތައް އުޅުނު މަޝްރޫޢު، އަވަސްކުރަން ސަރުކާރުން ޚާއްސަ އިސްކަންދިނުމުގެ ނަތީޖާ މި ފެންނަނީ. ކުރިއަށް އޮތް މަހު އެމްއޭސީއެލްއިން މަސައްކަތްކުރާނީ، ވަރަށް ބުރަކޮށް." އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ގެންގުޅޭ ދުރުވިސްނުންފުޅުގެ ނަތީޖާއެވެ. ރައީސުލްޖުމްހޫރިއްޔާ ޤަބޫލުފުޅުކުރައްވަނީ، މާލީގޮތުން ރާއްޖެ ކުރިއަރާނީ އިޤްތިޞާދަށް ފަހިވާ މަސައްކަތްތައް އަވަހަށް ނިންމަވައިގެންކަމަށެވެ.
އަލަށް ތަރައްގީކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ބޮޑު ޓަރމިނަލެކެވެ. އައު ޓަރމިނަލް ބޭނުންކުރާނީ ބައިނަލްއަޤްވާމީ ދަތުރުތަކަށެވެ. އެންމެ ޒަމާނީ އެއަރޕޯޓްތަކެކޭ އެއްގޮތަށް، އެއިރޯ ބްރިޖްތައް މި ޓަރމިނަލްގައި ބޭނުންކުރާނެއެވެ. ޖާގަ ތަނަވަސް ޓަރމިނަލް ވެގެންދާނީ ޒަމާނީ ބަދަލުތަކާއެކު ވަރަށް ފުރިހަމަ، ފަސެންޖަރުން ބޭނުންވާފަދަ ލުއިފަސޭހަ ޚިދުމަތެއް ލިބޭ ޓަރމިނަލަކަށެވެ.
މިހާރު ކުރަމުންދަނީ ޓަރމިނަލް ނިންމުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. ސްޓްރަކްޗަރގެ މަސައްކަތްތައް މުޅިން ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ޓަރމިނަލްގެ އެތެރޭގައި ކުރަންޖެހޭ މަސައްކަތްތަކެވެ. އައު ޓަރމިނަލް ހުޅުވާއިރު، އެއަރޕޯޓަށް ދަތުރުކުރާ މަގުތަކާއި ލޭންޑްސްކޭޕަށްވެސް ބަދަލުތައް އާންނެއެވެ.
އައު ޕެސެންޖަރ ޓަރމިނަލް ހެދުމުގެ މަސައްކަތަކީ 2017ވަނަ އަހަރު ފެށި މަސައްކަތެކެވެ.