އީރާނުގެ ދިފާޢީ ދާއިރާއަށް ނާޒުކު މެޝިންތަކެއް ފޯރުކޮށްދިނުމަށް އެހީތެރިވެފައިވާތީ 8 ކުންފުންޏަކާއި އެއް އުޅަނދާއި ފަރުދަކާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ކަމަށް އެމެރިކާގެ ސަރުކާރުން އިޢުލާނު ކޮށްފިއެވެ.
އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވީ އީރާނުގެ ބެލިސްޓިކް މިސައިލްއާއި އަންމޭންޑް އޭރިއަލް ވެހިކަލް އަދި ހަތިޔާރު މަޝްރޫޢުއަށް ބޭނުންވާ ނާޒުކު އަދި އެކި ބޭނުންތަކަށް ބޭނުން ކުރެވޭ ޓެކްނޮލޮޖީ ހޯދުމަށް އީރާނުން ކުރާ މަސައްކަތަށް ހުރަސް އެޅުމަށް އެމެރިކާއިން ގަދައަޅާ މަސައްކަތް ކުރާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ދުނިޔޭގެ ސަލާަމަތާއި ސަރަޙައްދީ ހަމަޖެހުމަށް ނުރައްކާވާ ނުރައްކާތެރި ހަތިޔާރު އުފެއްދުމާއި ގިނަ ކުރުމުގެ އީރާނުގެ ގާބިލުކަން އެމެރިކާގެ މާލީ ވުޒާރާއިން ދަށް ކުރަމުން ދާނެ ކަމަށެވެ.
އެމެރިކާއިން ފިޔަވަޅު އަޅާފައިވާ ދެ ކުންފުނީގެ ތެރޭގައި ހޮންކޮންގުގައި ޤާއިމު ކޮށްފައިވާ ދެ ޝިޕިންގ ކުުންފުނި ކަމަށްވާ ޔުނިކޯ ޝިޕިންގ ލޯ ލިމިޓެޑާއި އެތީނާ ޝިޕިންގ ކޯ ލިމިޓެޑް ހިމެނެއެވެ.
އެމެރިކާއިން ވަނީ ނިރުބަވެރިކަމާ ދެކޮޅަށް އަޅާ ފިޔަވަޅުތަކެއް ކަމަށް ބުނެ ޔަމަނުގެ ހަރިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ޙޫޘީންނާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާފައެވެ. އީރާނަށް ވާގިވެރިވާ މި ޖަމާޢަތާ ދެކޮޅަށް ފިޔަވަޅު އަޅާފައި ވަނީ ޤާނޫނާ ޚިލާފަށް ތެލުގެ ވިޔަފާރި ކުރުމާއި ޝިޕިންގގެ މަސައްކަތް ކުރާތީ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. އެ ފިޔަވަޅުތައް އަޅާފައި ވަނީ ހަތަރު ފަރުދުންނާއި 12 ކުންފުންޏަކާއި ދެ އުޅަނދަކާ ދެކޮޅަށެވެ. މި ފަރާތްތައް މެދުވެރި ކޮށް ޙޫޘީންނަށް އެހީތެރި ވުމަށް ތެލާއި އެހެނިހެން ޤަަވާއިދާ ޚިލާފު ސާމާނު އެތެރެ ކޮށްފައިވާ ކަމަށް އެމެރިކާއިން ބުނެއެވެ.