ޚަބަރު

ޔަހޫދީންގެ ޙަމަލާތަކަށް ގޮންޖަހައި އެތައް ހާސް ބަޔަކު ތެހްރާނުގައި ހުކުރު ނަމާދު ކޮށްފި


ޔަހޫދީން އީރާނަށް ވަރުގަދަ ޙަމަލާތައް ދެމުންދާއިރު ވެސް އީރާނުގެ ރައްޔިތުން ބިރެއް ނެތި ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެއްޖެއެވެ.

އެތައް ސަތޭކަހާސް ބަޔަކު ހުކުރު ނަމާދުގެ ޖަމާޢަތަށް މަގުތައް ފުރާލުމުން އީރާނުގެ ރައްޔިތުން ޔަހޫދީންގެ އިންޒާރުތަކަށް ނުފިލާނެ ކަމާއި ޙަމަލާތަކަށް ކެރިގެން ކުރިމަތިލާނެ ކަން ވަނީ ދައްކުވައިދީފައެވެ. އަދި އެ މީހުންގެ ހިތްވަރާއި ޖެހިލުންކުޑަކަން ވަނީ މުޅި ދުނިޔެއަށް ހާމަ ކޮށްދީފައެވެ. މަގުތަކުގައި ތަރުތީބުކަމާއެކު ސަފުތައް ހަދާ މާސިންގާ ޖަމާޢަތެއްގައި ކުރި ހުކުރު ނަމާދުން ދައްކުވައިދިނީ ޔަހޫދީންގެ ކުރިމަތީގައި އީރާނުގެ ރައްޔިތުން ކުޑަކަކޫ ނުޖަހާނެ ކަމާއި އެ ޤައުމުގެ ރައްޔިތުން ކުއްތަންވަނީ ހެއްދެވި ފަރާތަށް ކަމެވެ.

ހުކުރު ނަމާދަށް ފަހު އީރާނުގެ ރައްޔިރުން ވަނީ ޔަހޫދީންގެ ޙަމަލާތައް ކުށްވެރި ކޮށް، ރައްޔިތުން ޤައުމާއެކު ތިބިކަން ދެއްކުމަށް ބޮޑު ހިނގާލުމެއް ބާއްވާފައެވެ. ހިނގާލުމުގައި ބައިވެރިވި މީހުންގެ ޢަދަދު ގިނަ ކަމުން އީރާނުގެ މުޅި އާބާދީ ހިނގާލުމުގައި ބައިވެރިވެފައިވާ ކަމަށް ސިފަވިއެވެ. އީރާނުގެ ހުޅަނގުގެ އަވަށްތަކުގައި ދިރިއުޅޭ ކުރުދީން ވެސް މި ހިނގާލުމުގައި ބައިވެރިވެފައިވެއެވެ. ހޫނު މޫސުމުގެ ހޫނުގަދަ ދުވަހެއްގައި އީރާނުގެ މަގުތަކަށް ޤައުމުގެ ހުރިހާ ފަންތިއެއްގެ ހުރިހާ ރައްޔިތުން އެއްވުމުން ދައްކުވައިދިނީ ދިނީ ގޮތުންނާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި ނަމަވެސް ޤައުމުގެ ދިފާޢުގައި ހުރިހާ ފިކުރެއްގެ، ހުރިހާ ދީނެއްގެ، އަދި ހުރިހާ ކުލައެއްގެ މީހުން ވެސް އެއްގަލަކަށް އަރައި އެކުގައި މަސައްކަތް ކުރާނެ ކަމެވެ. ހިނގާލުމުގައި ބައިވެރިވި މީހުން ދިޔައީ ޤައުމަށްޓަކައި ޤުރުބާން ވުމަށް ތައްޔާރަށް ތިބި ކަމަށް ބުނަމުންނެވެ.

ޕާކިސްތާނާއި ޢިރާޤާއި ލުބުނާނާއި ވެނެޒުއެލާގައި ވެސް އީރާނަށް ހިތްވަރުދީ ހިނގާލުންތައް ބާއްވާފައިވެއެވެ.