ޚަބަރު

މައްސަލަތަކެއް ދިމާވެ ވިއެޓްނާމަށް ދަތުރުކުރި އެއަރ އިންޑިޔާގެ މަތިންދާބޯޓެއް އަނބުރާ އިންޑިޔާއަށް


އިންޑިޔާގެ ނިއު ދިއްލީއިން ވިއެޓްނާމްގެ ހޯ ޗީ މިންއަށް ދަތުރު ކުރި އެއަރ އިންޑިޔާގެ މަތިންދާބޯޓެއް ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން ދަތުރު ފުރިހަމަ ނުކޮށް އަނބުރާ އިންޑިޔާއަށް ޖައްސައިފިއެވެ.

އެއަރ އިންޑިޔާއިން ބުނީ ޖޫން މަހުގެ 19ވަނަ ދުވަހު ވިއެޓްނާމަށް ދަތުރުކުރި އެ އެއާލައިންގެ އޭއައި388 މަތިންދާބޯޓު އަނބުރާ ދިއްލީއަށް ޖެއްސީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ. 130އަށްވުރެ ގިނަ ފަސިންޖަރުން ގޮވައިގެން ދަތުރު ކުުރި މި މަތިންދާބޯޓަށް ދިމާވީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެއެވެ.

މަތިންދާބޯޓުގެ ދަތުރުގެ މަޢުލޫމާތު ފޯރު ކޮށްދޭ ވެބްސައިޓެއް ކަމަށްވާ ފްލައިޓްރާޑަރ24 ޑޮޓްކޮމް އިން ދައްކާގޮތުގައި އެއާބަސް އޭ320 މަރުކާގެ މި މަތިންދާބޯޓު ވިއެޓްނާމަށް ދިޔުމަށް ފުރާފައި ވަނީ އެ މަތިންދާބޯޓު ފުރުމަށް ކުރިން ހަމަޖެހިފައި އޮތް ގަޑިއަށް ވުރެ 45 މިނެޓު ލަހުންނެވެ. އެ މަތިންދާބޯޓުގައި ތިބި މީހުން މިހާރު ވަނީ އެހެން ފްލައިޓެއްގައި ވިއެޓްނާމަށް ގެންގޮސްފައެވެ.

ފާއިތުވި ދުވަސްތަކުގައި އެއަރ އިންޑިޔާގެ މަތިންދާބޯޓުތަކަށް ގިނަ މައްސަލަތަކެއް ކުރިމަތިވަމުންދާ ކަން ވަނީ ފާހަގަވެފައެވެ. ޖޫން މަހުގެ 12ވަނަ ދުވަހު އެ އެއާލައިންގެ މަތިންދާބޯޓެއް ވަނީ އިންޑިޔާއިން ނައްޓާލިތާ 30އަކަށް ސިކުންތުތެރޭ މައްސަލަތަކެއް ދިމާވެ ވެއްޓިފައެވެ. އެ ހާދިޘާގައި އެކަކު ފިޔަވައި މަތިންދާބޯޓުން ދަތުރު ކުރި އެންމެން ވަނީ މަރުވެފައެވެ. އޭގެ އެއް ދުވަސް ފަހުން ފުކެޓުން ނިއު ދިއްލިއަށް ދަތުރު ކުރަމުން ދިޔަ ފްލައިޓް އޭއައި379 ވަނީ އެ މަތިންދާބޯޓުގެ ފާޚަނާއިން ބޮމުގެ އިންޒާރެއް ފެނުމާ ގުޅިގެން އަނބުރާ ފުކެޓަށް ޖައްސާފައެވެ. ހަމަ އެއާއެކު ޖޫން މަހުގެ 16ވަނަ ދުވަހު ހޮންކޮންގުން ނިއު ދިއްލީއަށް ދަތުރުކުރި ފްލައިޓް އޭއައި315 ވެސް ވަނީ ދަތުރުމަތީގައި ކުރިމަތިވި މައްސަލައަކާ ގުޅިގެން ހޮންކޮންގަށް އަނބުރާ ޖައްސާފައެވެ.