ޚަބަރު

އަލް އަހުލީ އަތުން ޕަލްމޭރާސް މޮޅުވެއްޖެ


ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ މިސްރުގެ އަލް އަހުލީ އާއި ދެކޮޅަށް ބްރެޒިލްގެ ޕަލްމޭރާސް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ޕަލްމޭރާސް އިން ކާމިޔާބުކޮށްފި އެވެ.

އެމެރިކާގެ ނިއު ޖާރޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 62 ވަނަ މިނިޓުގައި ބޯކޮށް ވިއްސާރަވުމުގެ ސަބަބުން މެޗުގެ ރެފްރީ ވަނީ ކުޅުން ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. އަދި މެޗުގެ ކުޅުން އަލުން ފަށާފައިވަނީ 40 މިނިޓު ފަހުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ޕަލްމޭރާސް އަށް ކުރި ލިބިފައިވަނީ އަލް އަހުލީގެ ވިސާމް އަބޫ އަލީ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

މި ލަނޑަކީ ޕަލްމޭރާސްއަށް ލިބުނު ހިލޭ ޖެހުމެއް ޕެނަލްޓީ އޭރިޔާ ތެރެއިން ސާފުކޮށްލަން އުޅުމުގެ ތެރޭގައި އަބޫ އަލީ ބޮލުން ޖެހި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވާ ލަނޑެކެވެ.

އަދި މެޗުގެ 59 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޯސޭ ލޯޕޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޕަލްމޭރާސްގެ މިޑްފީލްޑާރ ރަފައެލް ވެއިގާއަށް ރެފްރީ ރަތް ކާޑެއް ދެއްކި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ. އަދި ދެވަނަ ހާފަށް ނިކުތްއިރު ޕަލްމޭރާސްގެ ކޯޗު އަބެލް ފެރޭރާ ވަނީ އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ކުޅެން އަރުވާފަ އެވެ.

ގްރޫޕް އޭ ގައި ކުޅުނު މި މެޗުން ޕަލްމޭރާސް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު ދެ މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއިއެކު ގްރޫޕްގެ އެއްވަނަ މަގާމް ލިބިފަ އެވެ.