ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތަކާއި އީރާނުގެ ރޫޙީ ވެެރިޔާ އާޔަތުالله ޢަލީ ޚާމަނާއީ އަވަހާރަ ކޮށްލާނެ ކަމަށް ދެމުންދާ އިންޒާރުތައް ޢިރާޤުގެ ޝިއީންގެ އިސް އިމާމު އާޔަތުﷲ ޢަލީ ސިސްތާނީ ކުށްވެރި ކުރައްވައިފިއެވެ.
ޖޫން 13ވަނަ ދުވަހުން ފެށިގެން ޔަހޫދީން އިސްވެ އީރާނަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ހުރަސް އެޅުމަށް ކަމަށް ބުނެއެވެ. އެ ޙަމަލާތަކުގައި އީރާނުގެ ގިނަ ޢަދަދެއްގެ އަސްކަރީ ކޮމާންޑަރުންނާއި، ނިއުކްލިޔަރ ސައިންޓިސްޓުންނާއި އާންމުން ވަނީ ޝަހީދު ކޮށްލައިފައެވެ. ޔަހޫދީން ވަނީ އީރާނުގެ ރޫޙީ ވެރިޔާ އަވަހާރަ ކޮށްލާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ޚާމަނާއީއާ ގުޅޭގޮތުން ޔަހޫދީންނާ އެއް މޭރުމަކުން އިންޒާރު ދެއްވައިފައެވެ.
ސިސްތާނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދީނީ އަދި އަޚްލާޤީ އުޞޫލުތަކާ ޚިލާފަށް، އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އުސޫލުތަކާ ޚިލާފަށް ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތަކުގެ އިތުރުން، އީރާނުގެ އިސްވެރިންނަށް ޙަމަލާ ދިނުން ފަދަ ޖަރީމާއެއް ޔަހޫދީން ހިންގައިފި ނަމަ ނިކުންނަ ނަތީޖާ ވަރަށް ހިތިވާނެ ކަމަށެވެ.
ސިސްތާނީ ވިދާޅުވީ އީރާނުގެ އިސްވެރިންނަށް ޙަމަލާ ދިނުންފަދަ ޢަމަލެއް ހިންގައިފި ނަމަ މަސްރަޙު ވަރަށް ގޯސްވާނެ ކަމަށެވެ. އެއާއެކު ބޮޑެތި ހަމަނުޖެހުންތައް އުފެދި ހަލަބޮލިކަން އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރަޙައްދީ ޤައުމުތަކުން އުފުލަންޖެހޭ ތަކުލީފު އިތުރުވެ، މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކުގެ މަސްލަހަތަށް ބުރޫއަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެންމެހާ ބައިނަލްއަޤްވާމީ އިދާރާތަކާއި ސަރުކާރުތަކުން ޔަހޫދީން ކުރަމުންދާ ހަނގުރާމަ ހުއްޓުވައި، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އަލީގައި އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭ މައްސަލައަށް ޞުލްޙަވެރި އަދި އިންސާފުވެރި ޙަައްލެއް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔަހޫދީންގެ ޙަަމަލާގެ ރައްދެެއްގެ ގޮތުގައި އީރާނުން ދަނީ އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ނަމުގައި ޚާއްޞަ އަސްކަރީ ޙަރަކާތެއް ފަށައި، ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ. އީރާނުގެ ރޫޙީ ވެރިޔާ ޚާމަނާއީ ވަނީ އެ ޤައުމާ ދެކޮޅަށް ދޭ އެއްވެސް ޙަމަލާއަކަށް އެ ޤައުމުން އަމާން ނުދޭނެ ކަމަށާއި ގަދަބާރުން ކުރުވަން މަސައްކަތް ކުރާ އެެެއްވެސް ކަމަކަށް އީރާނުން އިޖާބަ ނުދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ޔަހޫދީންނާ ބައިވެރިވެ އެމެރިކާއިން އީރާނަށް ޙަމަލާ ނުދިނުމަށް އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.