ކުޅިވަރު

އެންމެން ތިބީ ކުޅެންވީ ގޮތް ނޭނގިފައި: ކޯޓުއާ


ކުލަބު ވޯލްޑް ކަޕުގައި ރޭ ސައޫދީ އަރަބިއާގެ އަލް ހިލާލް އަތުން ރެއާލް މެޑްރިޑް 1-1އިން އެއްވަރުވި މެޗުގައި ކުޅުންތެރިން ތިބީ ކުޅެންވީ ގޮތް ނޭނގިފައި ކަމަށް ގޯލްކީޕަރު ތިބައޯ ކޯޓުއާ ބުނެފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބެލްޖިއަމްގެ ގައުމީ ކީޕަރު ބުނީ އެކަން އެގޮތަށްވީ ފާއިތުވެދިޔަ ހަތަރު އަހަރު ރެއާލް ކުޅުނު ސްޓައިލް ކުއްލިއަކަށް ބަދަލުވުމުން ކަމަށެވެ. މިދިޔަ ހަތަރު އަހަރު ރެއާލް އަށް ކޯޗުކޮށްދިނީ އިޓަލީގެ ކާލޯ އަންޗެލޯޓީ އެވެ. އޭނާ ވަކިކޮށް ރެއާލްގެ ކުރީގެ މިޑްފީލްޑަރު ޒަވީ އަލޮންސޯ ކޯޗުކަމާ ހަވާލުވީ މި މަހުގެ ކުރީކޮޅު އެވެ.

"އަލޮންސޯ ބޭނުންވަނީ އޭނާގެ ސްޓައިލަށް ކުޅެން. އެއީ މިދިޔަ ހަތަރު އަހަރުގެ ކުޅުނު ގޮތާ މުޅިން ތަފާތު ކުޅުމެއް. ތަފާތު ގޮތަކަށް އެޓޭކް ކުރަނީ. ތަފާޓު ގޮތަކަށް ޑިފެންސް ކުރަން ޖެހެނީ. އަންޗެލޯޓީއާއެކު އަހަރުމެން ހަތަރު އަހަރު ކުޅެފިން. އެހެންވެ އެ ސްޓައިލަށް އެންމެން މި ތިބީ އޮޓޯ އަށް ލެވިފައި. އަހަރުމެން ޖެހެނީ އައު ކޯޗު ބޭނުންވާ ގޮތަށް ބަދަލުވާން،" ކޯޓުއާ ބުންޏެވެ.

އޭނާ ވެސް ބުނީ އަލޮންސޯ ބޭނުންވާ ގޮތަށް ކުޅުން ބަދަލުކޮށް، ޓީމު ހަމަޔަކަށް އެޅެން ވަގުތު ބޭނުންވާނެ ކަމަށެވެ.

"ބައެއް ކުޅުންތެރިން ޓީމަށް އަލަށް ކުޅުނީ. އަނެއް ބައި ކުޅުންތެރިން ކޮށްފައިވަނީ ދެތިން ޕްރެކްޓިސް. މިހެންވެ ޓީމު އެކަތިގަނޑަކަށް ނުވޭ. މިކަމަށް ކޮންމެ ކޯޗަކަށް ވެސް ވަގުތު ބޭނުންވާނެ،" ކޯޓުއާ ބުންޏެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އަލޮންސޯ ވެސް ބުނީ އެންމެ 9 ޕްރެކްޓިހުން އޭނާ އަށް ޓީމު ބަދަލު ނުކުރެވޭނެ ކަމަށާއި ސަޕޯޓަރުން ކެތްތެރިވުމަށެވެ.