އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކާ ގުޅިގެން ތެލުގެ ބާޒާރަށް އަރަމުންދާ ލޮޅުންތަކުގައި ތެލުގެ އަގުތައް %4އިން އުފުލުމަށް ފަހު މި ވަގުތު މަޑުޖެހިފައިވާ ކަމުގައި އިޤުތިޞާދީ އަދި ވިޔަފާރީގެ ދާއިރާގެ މަޞްދަރުތަކުން ހާމަކޮށްފިއެވެ. އީރާނަށް ޙަމަލާ ދިނުމުގައި ޔަހޫދީންނާ ބައިވެރިވުމާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ގެންދަވަނީ ވިސްނަވަމުންނެވެ. ޔަހޫދީންނާ ބައިވެރިވުމަށް ޓްރަމްޕް ނިންމަވައިފި ނަމަ، މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވެ، ތެލުގެ ސަޕްލައިއަށް ބޮޑު ލޮޅުމެއް އަންނާނެ ކަމުގައި ވިޔަފާރިއާއި އިޤުތިޞާދީ ދާއިރާގެ މާހިރުން ޤަބޫލު ކުރެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ކަނޑައެޅުމުގައި ބަލާ މައި މިންގަނޑަކީ ބްރެންޓް ކްރޫޑާއި ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓްގެ ސާފު ނުކުރާ ތެޔޮ ފީފާގެ އަގުތަކެވެ. ޖޫން 18ވަނަ ދުވަހު ބްރެންޓް ކްރޫޑްގެ ފީފާއެއްގެ އަގު ވަނީ %0.2 މައްްޗަށް އަރައި، 76.61 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. އަދި، ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓްގެ ފީފާއެއްގެ އަގު ވެސް ވަނީ 75.01 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. އެއީ ވެސް %0.2ގެ އުފުލުމެކެވެ. ނަމަވެސް، މިއީ އޭގެ ކުރީ ދުވަހުގެ ވިޔަފާރީގެ ސެޝަނާ އަޅައިބަލާއިރު %1ގެ ދަށްވުމެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
"ތެލުގެ ބާޒާރަށް މި ވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ހުރްމުޛް ކަނޑުގެ ދަތުރުތަކަށް ހުރަސް އެޅުން،" ތެލުގެ ބާޒާރު ދިރާސާ ކުރާ ނެދަރލެންޑްސްގެ އައިއެންޖީ ބޭންކުން ބުންޏެވެ. "ދުވާލެއްގެ މައްޗަށް ދުނިޔޭގައި ބޭނުން ކުރާ ތެލުގެ ތިންބައިކުޅަ އެއްބައި އުފުލަނީ އެ [ހުރްމުޛް ކަނޑުން] މަގުން. އެ މަގުގެ އޮޕަރޭޝަންތަކަށް ހުރަސް އެޅިއްޖެ ނަމަ ތެލުގެ [ތެޔޮ ފީފާއެއްގެ] އަގު ކުއްލިއަކަށް 120 އެމެރިކާ ޑޮލަރަށް އުފުލިގެން ދާނެ."
ތެޔޮ އުފައްދާ ޤައުމުތައް (އޯޕެކް+)ގެ ޤައުމުތަކުގެ ތެރެއިން އީރާނަކީ ތިންވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމެވެ. ދުނިޔޭގެ ބާޒާރަށް ކޮންމެ ދުވަހަކު އީރާނުން 3.3 މިލިޔަން ފީފާގެ ސާފު ނުކުރާ ތެޔޮ ފޯރުކޮށްދެއެވެ. އީރާނަށް ޙަމަލާ ދިނުމުގައި އެމެރިކާއިން ޔަހޫދީންނާ ބައިވެރިވާން ނިންމައިފި ނަމަ، އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ނުރައްކާތެރި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު އީރާނުން އޮތީ ދީފައެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި ހުރްމުޛް ކަނޑުން ކުރާ ދަތުރުތަކަށް ހުރަސް އެޅުން ހިމެނެއެވެ. ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތައް (އދ)ގެ އޮފީސްތަކަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު ޢަލީ ބަހްރަޔިނީ ވިދާޅުވީ، އީރާނުން ޔަހޫދީންނާ ބައިވެރިވެެއްޖެ ނަމަ ނުރައްކާތެރި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ވޮޝިންގޓަނަށް ދީފައިވާނެ ކަމުގައެވެ. އީރާނުން އިންޒާރު ދީފައިވާ ގޮތަށް އަމަލު ކޮށްފި ނަމަ، ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، އަންދާޒާ ނުކުރެވޭ މިންވަރަކަށް އަގުތައް އުފުލިގެން ދިޔުމުގެ ބިރު އޮތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.