އައު އެކްރެޑިޓޭޝަން ގަވައިދު އައުމާއެކު 2022ގެ ކުރިން ހިނގަމުންއައި ކޯސްތައް 2027ގެ ނިޔަލަށް އަލުން ހުއްދަ ނުހޯދާނަމަ އެ ކޯސްތައް ބާތިލްވާނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވެއްޖެއެވެ.
ފިޒާނާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖޭމިއަދު ޕްރޮގްރާމްގައި އެމްކިއުއޭގޭ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުންނެވެ.
އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ އެ އޮތޯރިޓީގެ މެންޑޭޓުގެ ތެރޭގައި ކޯސްތަކަށް އެކްރެޑިޓޭޝަންދިނުން ހިމެނޭކަމަށެވެ. އެގޮތުން މަތީ ތަޢުލީމާއި ބެހޭ ވުޒާރާގައި ރަޖިސްޓްރީވާ ހުރިހާ ތަނަކުން އިންސިޓިއުޓްއެއްގެ ގޮތުގައި ރަޖިސްޓްރީ ވާނަ އެމްއެމްކިއުއެފް ލެވެލް 1 އަކުން 10އަކަށް ކޯހެއް ހިނގާނަމަ ހުއްދަ ހޯދަން ޖެހޭނެއެވެ.
ފިޒާނާ ވިދާޅުވީ އެމްކިއުއޭގެ އެކްރެޑިޓޭޝަނާ ނުލާއި އެއްވެސް ކޯހެއް އިޝްތިހާރުކުރުމަކީ މަނާކަމެއްކަމަށެވެ. އެގޮތުން ކޮލެޖަށް ގޮސް ނުވަތަ ހާޒިރުވެގެން ކުރިއަށް ގެންދަން ހުއްދަދީފައިވާ ކޯހެއް އޮންލައިންކޮށް ކުރިއަށް ގެންދަން އިޝްތިހާރު ނުކުރެވޭނެކަމަށް ފިޒާނާ ވިދާޅުވިއެވެ.
އައު އެކްރެޑިޓޭޝަން ގައިޑްލައިންގެ ދަށުން މިއަދާ ހަމައަށް 565 ކޯހަކަށް އެކްރެޑިޓޭޝަން ދެވިފައިވާކަމަށް ފިޒާނާ ވިދާޅުވިއެވެ. އަދި މި އަހަރުގެ މިހާތަނަށް 132 ކޯހަކަށް އެކްރެޑިޓޭޝަން ދެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ 2027ގެ ނިޔަލަށް 2022 ވަނަ އަހަރުގެ ކުރިއަށް އެޕްރޫވްކޮށްފައިހުރި އެއްވެސް ކޯހެއް ނުހިނގޭނެކަމަށެވެ. އެ ކޯސްތައް ހިނގަން ބޭނުންނަމަ އަލުން ހުއްދަ ހޯދަން ޖެހޭނެކަމަށް ފިޒާނާ ވިދާޅުވިއެވެ.
"މީގައި ސަމާލުވާން ހުރިހާ ހަޔަރ އެޑިއުކޭޝަން އިންސްޓިޓިއުޓްތަކުން ޖެހިލައްވާނެ ކަމަކީ 2027ގެ ނިޔަލަށް 2022ގެ ކުރިއަށް އެޕްރޫވްކޮށްފައި ހުރި އެއްވެސް ޕްރޮގްރާމްއެއް ނުހިންގޭނެ. އަލުން އެކްރެޑިޓޭޝަން ހޯދައިގެން ޕްރޮގްރާމްތައް ހިންގޭނީ. ބާތިލްވެގެންދާނެ މި ދުވަސްކޮޅުގެ ތެރޭގައި މި 2 އަހަރު ދުވަހުގެ ތެރޭގައި އެ ބޭފުޅުން އެކްރެޑިޓޭޝަން ނުހޯދާފިނަމަ" ފިޒާނާ ވިދާޅުވިއެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮޓޯރިޓީއަކީ ރާއްޖޭގައި ހިންގާ ކޯސްތައް، ޤައުމީ ސަނަދުގެ މިންގަނޑުތަކަށް ލެވެލްކުރުމާއި، މިފަދަ ކޯސްތައް ރާއްޖޭގައި ހިންގުމުގެ ހުއްދަދޭ ފަރާތެވެ.
ހުއްދަ ދެއްވާފައިވާ މިންގަނޑުތަކާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދާ ޚިލާފަށް، މަތީ ތަޢުލީމުދޭ ބައެއް މަރުކަޒުތަކުން ޢަމަލު ކުރަމުންދާކަމަށް އާންމު ފަރާތްތަކުން އޮތޯރިޓީއަށް ޝަކުވާ ހުށަހަޅަމުންދާކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮޓޯރިޓީ ވިދާޅުވިއެވެ.