ޚަބަރު

ލޮލަށް ނުފެނުނުނަމަވެސް، ސާބިތުކޮށްދިނީ އަމިއްލަ މަސައްކަތުން ޙައްޖުގެ އަޅުކަން އަދާކުރެވިދާނެކަން


  • ޙައްޖަށް ފައިސާ ދެއްކީ އަމިއްލަ މަސައްކަތުން އެއްކުރި ފައިސާއިން

  • އާއިލާ ބެލެހެއްޓުމުގައިވެސް މުހިންމު ދައުރެއް އަދާކުރޭ

  • ޙައްޖުގެ އަޅުކަން ފުރިހަމަކުރީ ރަހުމަތްތެރިއެއްގެ އެހީތެރިކަމާއެކު

ބ. ތުޅާދޫ، ހިމެރި، އުމުރުން 46 އަހަރުގެ އަލްހާފިޛާ އާމިނަތު ޢަލީއަކީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހެކެވެ. ނަމަވެސް ދިރިއުޅުމުގައި އުންމީދު ކަނޑާނުލައި ކުރިއަށް ދިޔުމުގައި އެއީ ނަމޫނާއެކެވެ.

އުފަންވީއިރު އާމިނަތު ޢަލީއަކީ ލޮލަށް ފެންނަ ކުއްޖެކެވެ. ނަމަވެސް އުމުރުން އެންމެ 4 އަހަރުގައި ދިމާވި ޞިއްޙީ މައްސަލަތަކެއްގެ ސަބަބުން އާމިނަތު ޢަލީގެ ލޮލުގެ ފެނުން އެއްކޮށް ގެއްލުނެވެ. ލޮލުގެ ފެނުމުން މަހުރޫމުވުމަކީ ވަޒީފާ އަދާކުރުމާއި ދީނީ އަޅުކަންތައް އަދާކުރުމަށް އޮތް ހުރަހެއް ނޫންކަން އާމިނަތު ޢަލީ އަންނަނީ ސާބިތުކޮށްދެމުންނެވެ. އާމިނަތު ޢަލީއަކީ މިއަދު ކީރިތި ޤުރުއާން ހިތުދަސް ހާފިޛާއެކެވެ.

މީގެ 8 އަހަރު ކުރިން އެމް.ޑަބްލިއު.އެސް.ސީގައި ވަޒީފާ އަދާކުރަން ފެށީ ހަޔާތުގައި ފުރިހަމަ ނުކުރެވި ހުރި ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށެވެ. އެގޮތުން ކުޑައިރުއްސުރެ އެންމެ އުންމީދުކޮށްގެން ހުރި ދަތުރު ކަމަށްވާ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދިޔުމަށް ހިތު ނިޔަތް ގަތެވެ.

ވަޒީފާގެ ފުރަތަމަ މަހުން ފެށިގެން ފައިސާ ފަހަށް ރައްކާކުރަން ފެށީ އެންމެ ބޭނުމަކުއެވެ. ޙައްޖުގެ އަޅުކަން އަދާކުރުމަށެވެ. އަމިއްލަ މަސައްކަތުން ހޯދާ ފައިސާއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދެއްކުމަށެވެ.

"އަބަދުވެސް ޙައްޖުވުމަށް އުންމީދުކުރަމުން އައީ. އަމިއްލައަށް ލާރި ނުހޯދެންޏާ އުންދަގޫވާނެ ދެއްތޯ އެކަން ކުރަން. ދެން އަޅުގަނޑު ވަޒީފާއަށް ވަންދުވަހުވެސް އަޒުމް ކަނޑައެޅިން އިންޝާﷲ ޙައްޖަށް ދާން ލާރި ސޭވްކުރަން. ދެން މަޑުމަޑުން ލާރި އައީ ސޭވްކުރަމުން. މާލޭގަ ރެންޓަށް އުޅޭތީ އެހާ ފަސޭހަކަމެއް ނޫން ލާރި ސޭވްކުރާކަށްވެސް. އަޅުގަނޑުވެސް މިއައީ އެހެންމީހުންވެސް ލާރި ދައްކައިގެން ދައްކައިގެން ޙައްޖަށްދާ އުސޫލުން." ހިނުތުންވުމާއެކު އާމިނަތު ކިޔައިދިނެވެ.

އާމިނަތު ޢަލީގެ މަސައްކަތުން ރައްކާކުރެވުނު ފައިސާ އެއްކުރުމަށްފަހު 2024 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާ ޚަލާސްކުރީއެވެ. އެއަށްފަހު އާމިނަތު ޢަލީ މަސައްކަތް ފެށީ ޙައްޖުގެ ކޯޓާ ހޯދުމަށެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އާމިނަތު ޢަލީއަށް ހައްޖު ދަތުރު ހަމަޖެހުނުކަން އެނގުނު ދުވަހަކީ އުފާވެރިކަމުން ހިތް ފުރުނު ދުވަހެކެވެ.

"އަސްލު ތިބޭފުޅުންނަށް އިޙްސާސްވެސް ނުވާނެ އަޅުގަނޑު ކުރި މަސައްކަތް. އަޅުގަނޑަށް ވަރަށް ބުރަ މަސައްކަތެއް ކުރަންޖެހުނު ޙައްޖުގެ ކޯޓާ ހޯދަން. ކޯޕަރޭޝަނާ، މިނިސްޓްރީއަށް ބައިވަރު ސިޓީތައް ލައިގެން، އަދި އެޕޮއިންޓުމަންޓުތައް ހަދައި، ވަރަށް ބުރަ މަސައްކަތެއް އަސްލު އަޅުގަނޑު ކުރީ މި ކޯޓާ ހޯދަން. ދެން މިއަހަރު ހައްޖަށް އަޅުގަނޑާއެކު އަންނާނެ މީހަކު ހުރީމަ އެ ފުރުޞަތު ލިބުނީވެސް. އެހެންވެ ވަރަށް އުފާވި އެހާ މަސައްކަތުން، އަނެއްކާ އަމިއްލަ ލާރީގަ އެންމެ އުފާވާކަމަކީ އަޅުގަނޑު ވަޒީފާ އަދާކޮށްގެން އަޅުގަނޑު އަމިއްލަ ލާރިން މިދަތުރުގަ އާދެވުނީމަ. އެއްވެސް މީހެއްގެ ހެލްޕެއް ނޯންނާނެ އަސްލު މިދަތުރުގަ." ޙައްޖަށް އައުމަށް ކުރަންޖެހުނު މަސައްކަތް ތަފްސީލްކުރަމުން އާމިނަތު ކިޔައިދިނެވެ.

ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހަކަށްވެފައި މިފަދަ ދަތުރެއްގައި އެހީތެރިއަކު ބޭނުންވާނެތީ އެކުވެރިއެއްގެ މަދަދަށް އާމިނަތު ޢަލީ އެދުނެވެ. އެކުވެރިޔާގެ އޯގާތެރި އަތުގައި ހިފައިގެން ޙައްޖުގެ މަނާސިކުތައް އަދާކުރެވުމަކީ ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމެކެވެ. އެކުވެރިޔާއާމެދު ހިތުގައި އޮތީ އިންތިހާ ދަރަޖައިގެ ޝުކުރަކާ އިހުތިރާމެކެވެ.

"ވަރަށް ރަނގަޅު. އަޅުގަނޑަށް އިޙްސާސްވެސް ނުކުރެވޭ ފެމިލީ މީހެއް ނޫނެކޭ.އެހާވެސް ރަނގަޅު އަޅުގަނޑަށް އަޅުގަނޑުގެ އެހީތެރިޔާ. ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑުގެ އެހީތެރިޔާއަށާއި، އެހެންވެސް އެކުވެރިންނަށް. އެކުވެރިންނަކީ އާއިލާއަކޭ އެއްފަދައިން އަޅުގަނޑުގެ އުފަލުގައި ހިއްސާވާނެ ބައެއް. އެހެންވެ އެހުރިހާ ކުދިންނަށްވެސް މިފުރުޞަތުގައި ޝުކުރު ދަންނަވާލަން." ޙައްޖުގެ އަޅުކަން އަދާކުރުމަށް ބައިވެރިޔާގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރުއަދާކުރަމުން ބުންޏެވެ.

އާމިނަތު ޢަލީގެ އާއިލާގައި 8 މެންބަރުން ތިބޭއިރު އެ އާއިލާގައި އާމިނަތު ޢަލީއަކީ މުހިންމު މެންބަރެކެވެ. މަންމަޔާއި، ބައްޕަ ބަލަހައްޓަމުން ގޭތެރޭގެ ޚަރަދުތައް ބެލެހެއްޓުމުގައި އާމިނަތު ޢަލީގެ ހިއްސާ ވަރަށް ބޮޑެވެ.

މިއަދު އާމިނަތު ޢަލީއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އާއިލާގެ ޚަރަދުތައްވެސް ބަލަހައްޓަމުން މާލޭގައި ކުލި ދައްކަމުން، އަމިއްލަ ފައިސާގައި ޙައްޖުގެ އަޅުކަން އަދާކުރެވުމެވެ. އާމިނަތު ޢަލީފަދަ އެހެން މީހުންނަށްވެސް ދިން ނަސޭހަތަކީ ވަޒީފާ އަދާކޮށްގެން، ކޮންވެސް މިންވަރެއް ފަހަށް ރައްކާކޮށްގެން ޙައްޖުގެ އަޅުކަން އަދާކުރެވޭތޯ މަސައްކަތްކުރުމެވެ.

އާމިނަތު ޢަލީގެ އެންމެ ބޮޑު އުންމީދު ފުރިހަމަވެފައިވުމާއެކު، މިހާރު އެންމެ ބޮޑަށް ކުރާ އުންމީދަކީ ޒަވާޖީ ހަޔާތެއް ފެށޭނެ ދުވަހެކެވެ.