ގދ.ފިޔޯރީ އާއި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަން ކޮށްފިއެވެ.
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީން ވިދާޅުވީ މި ދެެރަށުގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއި ފެނަކަ އާއި އެމްޑަބްލިޔުއެސްސީގެ ބޭފުޅުން އެދެރަށަށް ވަޑައިގެންނެވެ.
ފިޔޯރީ އާއި ވާދޫގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެނުގެ މައިނެޓްވޯރކް އަޅައި އަދި ގެތަކަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ވަނީ ބަހައްޓާފައެވެ.
މިދެރަށުގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައިނެޓްވޯކާއި ޕަމްޕިންގ ލައިން އަޅައި، ޕަންޕިންގ ސްޓޭޝަން ޤާއިމްކޮށް ސީ އައުޓް ފޯލް ވަނީ އަޅާފައެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މީގެއިތުރުން، މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް އެދެރަށަށް ފޯރުކޮށްދޭނެކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ.
ފިޔޯރީ އާއި ވާދޫގެ ފެނާއި ނަރުދަމާ މަޝްރޫޢަކީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެމްޑަބްލިޔުއެސްސީއާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢެކެވެ.
މީގެ ތެރެއިން ފިޔޯރީ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތަށް 59.95 މިލިޔަން ރުފިޔާ ޚަރަދުވެފައިވާއިރު ވާދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢަށް 60.99 މިލިޔަން ރުފިޔާވަނީ ޚަރަދުވެފައެވެ.
މިމަޝްރޫޢުގެ ސަބަބުން ފިޔޯރީއާއި ވާދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ފެނާއި ނަރުދަމާގެ ވަރަށް ގިނަ މަޝްރޫޢުތަކެއް އޮތީ ހުއްޓިފައެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫޢެއް ހުއްޓުމަށް މެދުވެރިވެފައިވާ މައްސަލަތައް ޙައްލުކޮށް ސަރުކާރުގެ ފުރިހަމަ ބާރު އޮންނަގޮތަށް އެ މަޝްރޫޢުތައް ކުރިއަށްގެންގޮސް ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ.