ޚަބަރު

އެކި މަރުކަޒުތަކުން ހިންގާ އެއް ލެވެލެއްގެ، ޤުރުއާނުގެ ކޯސްތައް އެއްހަމަކުރުމަށް މިންގަނޑެއް


  • އެކި ލެވެލްތަކުގައި ކިޔަވައިދޭންޖެހޭ މުޤައްރަރު މިންގަނޑުތަކުގައި ބަޔާންކޮށްފައިވޭ

  • ކޯސްތަކުގައި ކިޔަވައިދެވޭނެ މުއްދަތުވެސް ކަނޑައަޅާފައިވޭ

ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ އެއް ލެވެލެއްގެ ޤުރުއާން ކޯސްތައް އެއްހަމަކޮށް އެއް މުޤައްރަރެއް ކިޔަވައިދޭކަން ކަށަވަރުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިޔުއޭއިން މިންގަނޑުތަކެއް ކަނޑައަޅުއްވައިފިއެވެ.

އެމްކިޔުއޭއިން ވަނީ "ކީރިތި ޤުރްއާނުގެ ޢިލްމުގެ ތަޢުލީމީ ޕްރޮގްރާމްތަކުގައި ހުންނަންޖެހޭ މިނިމަމް ސްޓޭންޑަޑް"ތަކުގެ ނަމުގައި މިންގަނޑުތަކެއް ކަނޑައަޅުއްވައި މިހާރު ގެޒެޓުކޮށްފައެވެ. މި މިންގަނޑުތަކުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މަތީ ތަޢުލީމުދޭ އެކިއެކި މަރުކަޒުތަކުގައި ކިޔަވައިދޭ މުޤައްރަރުތައް ތަފާތުވުމުން ދަރިވަރުންނަށް ދިމާވާ މައްސަލަތަކަށް ހައްލެއް ގެނައުމެވެ.

އެމްކިޔުއޭއިން ވިދާޅުވީ އެއް މަރުކަޒަކުން ޕްރޮގުރާމެއްގެ އެއް ލެވެލެއް ފުރިހަމަކުރުމަށްފަހު ދެން އޮތް ލެވެލް ކިޔަވަން އެހެން މަރުކަޒަކަށް ދަރިވަރު ދިއުމުން ކުރިން ކިޔެވި މަރުކަޒުގެ މުޤައްރަރުގައި ތަފާތުތައް ހުރުމުން އެކި މައްސަލަތައް ދިމާވާ ކަމަށެވެ. އެގޮތުން ނުކިޔަވާ އޮތް ފިލާވަޅެއް އަލުން ނަގައިދޭން ޖެހުންފަދަ ކަންކަން އެމްކިޔުއޭއިންވަނީ ފާހަގަކުރައްވާފައެވެ.

އެމްކިޔުއޭއިން ވިދާޅުވީ އެކި މަރުކަޒުތަކުން ކިޔަވައިދޭ މުޤައްރަރުތައް ތަފާތުވުމުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ޑިޕްލޮމާއާއި ޑިގްރީއާ ހިސާބަށް ދަރިވަރުންދާ ހިސާބުން ކަމަށެވެ. އެހެންކަމުން މި މިންގަނޑުތަކާއެކު އެ ކަންކަމަށް ހައްލު ލިބޭނެކަމަށް އެމްކިޔުއޭއިން ވިދާޅުވެއެވެ.

މި މިންގަނޑުތަކުގައި ސެޓްފިކެޓް ލެވެލް 1އިން ފެށިގެން ފުރަތަމަ ޑިގްރީއާ ހިސާބަށް، ކިޔަވައިދޭންޖެހޭ މުޤައްރަރު ބަޔާންކޮށްފައިވެއެވެ. އަދި އެކި ލެވެލްތަކުގެ ކޯސްތައް ކިޔަވައިދެވޭނެ މުއްދަތުތައްވެސް ކަނޑައަޅާފައިވެއެވެ. އަދި އެކިއެކި ސެޓްފިކެޓް ލެވެލްތަކަށް ކްރެޑިޓް ދެވޭނެ މިންވަރުވެސް ކަނޑައަޅާފައިވާއިރު، ކޯސްތަކުގައި ބައިވެރިވެވޭނެ ޝަރުތުތައްވެސް ވަނީ ކަނޑައަޅާފައެވެ.