ފަހަކަށް އައިސް ރާއްޖޭގައި ސްކޭމް މައްސަލަތައް ދަނީ އިތުރުވަމުންނެވެ. މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އާންމު ރައްޔިތުން އިތުރަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމުކަމެކެވެ.
އަދި ޝައްކު އުފެދޭނަމަ، އެކަމެއް ޔަޤީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުމަށާއި، މިފަދަ މައްސަލައެއް ފާހަގަވެއްޖެނަމަ ވަގުތުން އެ މައްސަލަ ރިޕޯޓުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އެދެއެވެ.
ކަސްޓަމްސްގެ ނަމުގައި ސްކޭމް މެސެޖްތަކެއް ދައުރުކުރަމުންދާތީ އެކަމަށް ސަމާލުވާން އެ އިދާރާއިންވެސް ވަނީ އެދިފައެވެ.
މޯލްޑީވްސް ކަސްޓަމްސް ސަރވިސަސްއަށް ޕޭމެންޓް ދައްކަން ބުނެ އެސްއެމްއެސް މެދުވެރިކޮށް ލިންކެއް ފޮނުވައިގެން ސްކޭމެއް ހިންގަމުންދާ އިރު އެކަން ކުރަނީ އެމްއެޗްސީއެލް ކިޔާ ގޮތް ނޭނގޭ ފަރާތަކުން ޕޯސްޓުގެ ނަމުގައި މެސެޖުތަކެއް ފޮނުވައިގެންނެވެ.
ކަސްޓަމްސްއިން ވިދާޅުވީ އެ އިދާރާގެ އެއްވެސް ޕޭމަންޓެއް ދެއްކުމަށް އެދި ލިންކަކާއެކު އެސްއެމްއެސްއެއް ނުފޮނުވާނެ ކަމަށާއި އެހެންވެ އެފަދަ ލިންކުތަކަށް ސަމާލުވާން އެދޭކަމަށެވެ.
🚨ސްކޭމް އެލަރޓް:
— Maldives Customs Service (@CustomsMv) June 14, 2025
ކަސްޓަމްސްގެ އެއްވެސް ޕޭމަންޓެއް ދެއްކުމަށް އެދި ލިންކަކާއެކު އެސް.އެމް.އެސް އެއް ނުފޮނުވާނެ.
މިފަދަ ލިންކުތަކަށް ސަމާލުވެލައްވާ! pic.twitter.com/G7QBIcWeRH
ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވާން އެ ކޯޕަރޭޝަނުންވެސް ދާދި ފަހަކުން ވަނީ އެދިފައެވެ. ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަޤުޞަދުގައި އެ ކޯޕަރޭޝަންގެ ނަމުގައި މީހުންނަށް މެސެޖްތަކެއް ފޮނުވަމުންދާކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
އެ ކޯޕަރޭޝަނުން އެއްވެސް ފަރާތަކަށް ލިންކް ފޮނުވައިގެން ފައިސާ ދައްކަން މެސެޖެއް ނުކުރާނެކަމަށާއި އަދި އެކޯޕަރޭޝަންގެ ފަރާތުން އެއްވެސް ފަރާތަކަށް ގުޅައި ނުވަތަ މެސެޖްކޮށް އެއްވެސް އަމިއްލަ ފަރާތެއްގެ އެކައުންޓަށް ފައިސާ ޖަމާކުރާކަށް ނާންގާނެކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެ ކޯޕަރޭޝަންގެ ޚިދުމަތްތަކަށް ފައިސާ ޖަމާކުކުރުމަށް އަންގާނީ އެ ކޯޕްރޭޝަންގެ ނަމުފައި ހެދިފައިވާ ހުރި ރަސްމީ އެކައުންޓުތަކަށް ކަމަށްވެސް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވިއެވެ.
ޙައްޖު ކޯޕަރޭޝަންގެ ނަމުގަ ސްކޭމް މެސެޖް ތަކެއް ފޮނުވަމުންދާތީ ސަމާލުވާން އެންގުން. pic.twitter.com/6CQZ9oqqxW
— Maldives Hajj Corporation Limited (@Hajjcorporation) June 13, 2025
ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޤާއިމްވެސްކޮށްފައެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންނެވެ. އެ ކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.
ނޭޝަނަލް އިމަރޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ސެންޓަރުތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެކަމަށް ފުލުހުން ބުނެއެވެ.
މިގޮތަށް ހިންގާ ސްކޭމެއްގެ ޝިކާރައަކަށްވެއްޖެނަމަ އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށްވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.