ސޯޅަ އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކުއަލިފައަރސްއަށް ވަދަކުރާ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ފިރިހެން ބާސްކެޓް ޓީމުގައި ތިބީ ވަރަށް ހުނަރުވެރި ކުދިން ކަމަށާއި، އެހެންނަމަވެސް އަދިވެސް އެ ކުދިންނަށް އިތުރު ތަމްރީން ބޭނުންވާކަމަށް ރާއްޖޭގެ ޓީމަށް އިރުޝާދު ދެމުން އަންނަ ސާބިއާގެ ކޯޗު ވްލަޑިމިއަރ ތްރިޗް ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކޯޗު ބުނީ ކުދިން ތަމްރީނުކުރުމަށް އަދި ވަގުތު ބޭނުންވާކަމަށާއި، އެހެންނަމަވެސް 3 މަސް ދުވަހުގެ މަސައްކަތުގެ ކުރިއެރުންތަކެއް ހޯދިއްޖެ ކަމަށެވެ.
މީގެ ކުރިން މިޓީމު ވާދަވެރި މުބާރާތެއް ކުޅެފައިނުވާތީ މިއީ އުނދަގޫ މުބާރާތަކަށްވާނެ ކަމަށާއި، އެހެންނަމަވެސް އެކުދިންނަކީ ވަރަށް ކޮލިޓީ ރަނގަޅު ހުނަރުހުރި ކުދިން ކަމަށް ކޯޗު ބުންޏެވެ.
މި މުބާރާތުގައި ރަނގަޅު ހިސާބަކަށް ދެވޭނެކަމަށް އުންމީދު ކުރާ ކަމަށާއި، ބަނގްލަދޭޝް އާއި ސްރީލަންކާ އާއި ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުންމީދު ކުރާކަމަށްވެސް ކޯޗު ބުންޏެވެ.
މީގެ ކުރިން މެދު އިރުމަތީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗު ވްލަދިމިއާ ތްރިޗްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ފަރިތަކުރަމުން އަންނަތާ މިހާރުވަނީ 3 މަސް ވެފައެވެ. ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން މި ކޯޗު ވަނީ ފަލަސްތީނުގެ ޗެމްޕިއަން ޓީމާއި، ލީބިއާ އަދި ލުބުނާންގެ 16 އަހަރުން ދަށުގެ ޓީމުތަކަށް ކޯޗުކޮށްދީ ކާމިޔާބީތަކެއް ހޯދައިދީފައެވެ.
އޭނާގެ ސްޓައިލަށް ރާއްޖޭގެ ކުޅުންތެރިން އަދި އާ ކަމަށާއި، އެހެންނަމަވެސް ކުރިޔަށް އޮތްތަނުގައި ރަނގަޅު ޓީމެއް އުފެއްދޭވަރުގެ ޤާބިލު ކުޅުންތެރިން 16 އަހަރުން ދަށުގެ މިޓީމުގައި އެބަތިބި ކަމަށް ކޯޗު ފާހަގަކުރިއެވެ.
ގައުމީ ޓީމުތަކުގެ ފަރިތަކުރުންތަކަށް އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވީ އެކަށީގެންވާ ވަސީލަތްތައް ނެތުމާއި ކޯތު ލިބުމުގައި ހުރި ދަތިތަކެވެ. އެހެންނަމަވެސް މުބާރާތުގައި ރާއްޖޭގެ ދެ ޓީމުންވެސް ރަނގަޅު ކާމިޔާބީއެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން އުންމީދުކުރެއެވެ.
ޖޫން 12-14 އަށް ޒުވާނުންގެ މަރުކަޒުގައި ކުރިޔަށް ގެންދާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކުއަލިފައަރސްއަށް ވާދަކުރަނީ ރާއްޖޭގެ އިތުރުން އިންޑިއާ، ބަނގްލަދޭޝް އަދި ސްރީލަންކާއެވެ. މިއީ ރާއްޖޭން މި މުބާރާތް ހޯސްޓް ކުރާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ މެޗުތަށް ޕީއެސްއެމްގެ ޔޭސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.