ޚަބަރު

އޭޝިއާ ކަޕް ސާބާ ކޮލިފަޔާސްއަށް އަންހެން ޓީމު ރަނގަޅަށް ތައްޔާރުކުރެވެއްޖެ: ކޯޗު


16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކުއަލިފައަރސްއަށް ރާއްޖޭގެ އަންހެން ޓީމު ވަރަށް ރަނގަޅަށް ތައްޔާރުކުރެވިއްޖެ ކަމަށް ޓީމުގެ ހެޑް ކޯޗު ގުރެއިޝް އަފްރާހް ބުނެފިއެވެ.

މުބާރާތަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ގުރެއިޝް ބުނީ ރާއްޖޭގެ އަންހެން ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިންތަކެއްވެސް ހިމެނިފައިވާތީ ހިތްހަމަޖެހޭ ކަމަށެވެ.

”ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވެފައޭ މިއޮތީ ބުނެވިދާނެ. ސީނިއާ ޓީމުގެ ތިން ކުޅުންތެރިން ހިމެނުމާއެކީގައި އަނެއްކާ އެ ކުޅުންތެރިންނަކީ މިދިޔަ ސާބާ މުބާރާތުގައި ރާއްޖެއަށް ރިހި މެޑަލް ހޯދައިދިނުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރި ކުޅުންތެރިން“ ކޯޗު ބުންޏެވެ.

16 އަހަރުން ދަށުގެ އަންހެން ބާސްކެޓް ބޯޅަ ޓީމު ތައްޔާރު ކުރަމުގެ މަސައްކަތް 2023 އިން ފެށިގެން ކުރިޔަށް ގެންދާ ކަމަށާއި މީގެ ނުވަ ހަފްތާ ކުރިން ފެށިގެން މި މުބާރާތަށް ތައްޔާރުވަމުން އަންނަ ކަމަށް ކޯޗު ބުންޏެވެ.

މި މުބާރާތަށް ޓީމު އެކުލަވާލުމަށް ރޯދަމަހު ޓްރައި އައުޓްސްތައް ބާއްވާފައިވާއިރު ފަރިތަކުރުންތައް ފެށީ ރޯދަމަހަށްފަހު އީދު ނިންމާފަ ކަމަށް ގްރޭޝް ފާހަގަ ކުރިއެވެ.ރާއްޖޭގެ އަންހެން ޓީމުގެ ފުރަތަމަ މެޗު އޮންނާނީ މިއަދު ހަވީރު 17:30 ގައެވެ.

ގުރައިޝް ބުނީ މި މުބާރާތަށް ތައްޔާރުވުމުގައި ވަސީލަތްތަކުގެ ދަތިކަމާހުރެ ޓްރެއިންތަކަާމެދު އެންމެ ހިތްހަމަ ނުޖެހޭ ކަމަށާއި ވަސީލަތްތައް ހުރިނަމަ މިއަށްވުރެ ފުރިހަމައަށް މިއަށްވުރެ ރަނގަޅަށް ޓީމު ތައްޔާރު ކުރެވޭނެ ކަމަށެވެ.

އަންހެންޓީމުގެ ކޯޗު ގުރެއިސް ބުނީ ވީހާވެސް ގިނަ ސަޕޯޓަރުން މެޗުތައް ބަލަން އައިސް ރާއްޖޭގެ ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް އެދޭކަމަށެވެ.