މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއަށް 4.5 ބިލިޔަން ރުފިޔާގެ އިންވެސްޓްމަންޓް ލިބިފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގައި އެކި ބާވަތުގެ މަސްވެރިކަން ކުރަމުން އަންނައިރު މިއިން ކޮންމެ މަސްވެރިކަމަކަށްވެސް ގޮންޖެހުންތައް ކުރިމަތިވަމުން އަންނަކަމަށެވެ. އެ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި މިހާތަނަށް އެއްވެސް ސަރުކާރަކުން ނުކުރާހާ މިންވަރަށް މި ސަރުކާރުން މަސައްކަތްކުރަމުންދާކަމަށެވެ. އެކަމަށް ބޭނުންވާ ފައިސާވެސް މިހާރު ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި މަސައްކަތްތައް ކުރުމަށް އަޅުގަނޑުމެންނަށް ފަންޑް ސެކިޔޮރ ކުރެވިއްޖެ. 4.5 ބިލިޔަން ރުފިޔާގެ އިންވެސްޓްމަންޓް އިރާދަކުރެއްވިއްޔާ މަސްވެރި ސިނާޢަތަށް ހެދިގެންދާނެ. ސަރުކާރުން މިވަރުގެ ބޮޑު އިންވެސްޓްމަންޓެއް އަޅުގަނޑަކަށް ހިޔެއްނުވޭ މިވަރުގެ ބޮޑު ފޯކަސްއެއް މަސްވެރި ސިނާޢަތަށް އެއްވެސް ޒަމާނެއް އޮތްހެނެއް. އެ ފޯކަސް އެގޮތަށް އޮތްނަމަ މި ހާލަތުގައި މަސްވެރި ސިނާޢަތެއް ނޯންނާނެ." ވަޒީރު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާޢަތަށް ބޭރުގެ އިންވެސްޓަރުންގެ ސަމާލުކަން ލިބުމަށް އޮތް ހުރަހަކީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީގެން މަސްވެރި އެންމެ ބޮޑު ކުންފުނި މިފްކޯ ހިންގަންޖެހުންކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރުން ބޭނުންވަނީ މިފްކޯއަކީ ފައިދާގައި ހިންގާ ކުންފުންޏަކަށް ހަދަންކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ މަސްވެރި ސިނާޢަތަކީ ސަރުކާރުން ސަބްސިޑީ ދީގެން ބޭރުގެ ކުންފުނިތައް އިންވެސްޓްކުރަން ނާންނަގޮތަށް އޮންނަ ސިނާޢަތެއްގެ ގޮތުގައި ބާއްވަން ސަރުކާރުން ބޭނުންނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ސަރުކާރުން ބޭނުންވަނީ މަސްވެރިންނަށް ރަނގަޅު އަގެއް ދެވި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ބޭރުގެ އިންވެސްޓްމަންޓް ލިބޭ ސިނާޢަތަކަށް ހަދަންކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތައް މިސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލުކުރެއްވުމަށެވެ. އެގޮތުން ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބޮޑު އިންސައްތައެއް އަގު އެއްކުރި މަހުގެ ގޮތުގައި ބޭރުކުރުމަށް ދަނީ މަސައްކަތްކުރައްވަމުންނެވެ. މިއާއެކު މަސްވެރިކަމުގެ ސިނާޢަތުން ލިބޭ އާމްދަނީ 3 ގުނަ އިތުރުވެގެންދާނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖްތައް އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މި ދައުރުތެރޭގައި އިތުރު 15500 ޓަން މުޅި ރާއްޖޭގައި އިތުރުކުރެވި، ޖުމްލަ 25000 ޓަނަށް މުޅި ރާއްޖޭގެ މަހުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.