ޚަބަރު

ކަނޑުތަކަކީ ދިވެހިންނަށް ހަމައެކަނި ޤުދުރަތީ ވަސީލަތެއް ނޫން، އެއީ ދިރިއުޅުމުގެ އަސާސެއް: ރައީސް


  • ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖޫން މަހުގެ 8 ވަނަ ދުވަސް

  • ކަނޑުތަކުގެ ސަބަބުން މަސްވެރިކަމާއި ފަތުރުވެރިކަމަށް ފައިދާ ކުރޭ

ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ކަނޑުތަކަކީ، ހަމައެކަނި ޤުދުރަތީ ވަސީލަތެއް ނޫން ކަމަށާއި އެއީ ދިރިއުޅުމުގެ އަސާސެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކަނޑުތަކުގެ ދުވަހާއި ގުޅުވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ދުނިޔޭގެ ދުޅަހެޔޮކަމާއި ކަނޑުތަކުގެ ދުޅަހެޔޮކަންވަނީ ގުޅިފައި ކަމަށެވެ. ދިވެހިރާއްޖެ ފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ޤައުމަކަށް ކަނޑުތަކަކީ ހަމައެކަނި ލިބިފައިވާ ޤުދުރަތީ ވަސީލަތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން ކަނޑުތަކާއި ގުޅިފައިވާއިރު ކަނޑުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ އަސާސް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މަހުގެ ސްޓޮކަށް ބަދަލު އަންނަކަމަށާއި ރަށްގިރުމުގެ މައްސަލައިގެ އިތުރުން ކަނޑުގެ ފިނިހޫނުމިންވެސް މަތިވަމުންދާކަމަށެވެ. އެހެންކަމުން ކަނޑުތައް ހިމާޔަތްކުރުމަށް އައު އަޒުމާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާއިރު، އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެން ވަނީ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމާއި އެކަމުގެ މަސައްކަތްތައް ކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ނަމުގައި ޚާއްސަ ވުޒާރާއެއް އުފައްދަވާފައެވެ.

ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަގަކުރަން ނިންމީ 1992 ވަނަ އަހަރު ރިއޯ ޑި ޖެނީރޯގައި ބޭއްވި އާތު ސަމިޓުގެ ތެރެއިންނެވެ. މި ދުވަސް ޤައުމުތަކުގައި ފާހަގަކުރުމަށް ނިންމާފައިވަނީ 2008 ވަނަ އަހަރުއެވެ. މިއަހަރުގެ ކަނޑުގެ ދުވަހުގެ ޝިޢާރު ބިނާވަނީ ކަނޑުތަކުގެ ދެމެހެއްޓެނިވިކަމުގެ މައްޗަށެވެ. މި ޝިޢާރުންވެސް ބުނެދެނީ ކަނޑުގެ ވަސީލަތްތަކަކީ އަގުހުރި ވަސީލަތެއްކަމަށެވެ.