ޚަބަރު

ސެޕްޓެމްބަރމަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށޭނެ: ޞިއްޙީ ވަޒީރު


  • ވަކި އަދަދަކަށްވުރެ ޑައިލިސިސް ޕޭޝަންޓް ގިނަ ރަށްތައް، ބަލާފައި އެރަށްރަށް ޚިދުމަތް ފުޅާކުރާނެކަމަށް ވިދާޅުވި

  • މިހާރު މި ޚިދުމަތް ނުފެށި ވަނީ އއ، އދ، ވ ، މ، ފ އަދި ދ އަތޮޅުގައި

މިއަހަރުގެ ސެޕްޓެމްބަރުމަހާ ހަމައަށް ދާންވާއިރަށް ކޮންމެ އަތޮޅެއްގައި މަދުވެގެން ޑައިލިސިސް ސެންޓަރެއް ތަރައްޤީކޮށް ޚިދުމަތް ދޭން ފަށާނެކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޑައިލިސްގެ ޚިދުމަތް ފުޅާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަވާ ވާހަކަފުޅުދައްވަމުންނެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން ޑައިލިސިސް ޚިދުމަތް ހޯދުމަށް މާލެއަށް އަންނަން ޖެހޭ ޖެހުމަކީ އުނދަގޫ ދަތުރަކަށް ވުމާއެކު އެކަންކަން ފަސޭހަކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ.

ރައީސްގެ ސިޔާސަތުގެ ދަށުން އަތޮޅުތަކަށް ޑައިލިސިސްގެ ޚިދުމަތް ފުޅާކުރެއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ. އެގޮތުން އެންމެ ފުރަތަމަވެސް ނިންމާފައިވަނީ ރާާއްޖޭގެ ހުރިހާ އޮތޮޅެއްގައިވެސް މަދުވެގެން ޑައިލިސިސްގެ ސެންޓަރެއް ތަރައްޤީކުރުމަށްކަމަށާއި ސެޕްޓެމްބަރުމަހާ ހަމައަށް ދާންވާއިރު ކޮންމެ އަތޮޅަކުންވެސް ޑައިލިސިސްގެ ޚިދުމަތް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މަދު އަތޮޅެއް ފިޔާވާ ހުރިހާ އަތޮޅެއްގައިވެސް މިހާރު މި ޚިދުމަތް ވާނީ ފަށާފައި. ވޯލްޑް ހެލްތް ޑޭ ފަންކްޝަންގައި ރައީސް ވާނީ 4 ރަށެއްގައި ރަސްމީކޮށް މި ޚިދުމަތް ފަށާފައި. ސެޕްޓެމްބަރާ ހަމައަށްދާންވާއިރަށް މި ޚިދުމަތް ފުޅާކުރާނަން. އަދި އަޅުގަނޑުމެން ބަލާނަން ވަކި އަދަދަކަށްވުރެ ޑައިލިސިސް ޕޭޝަންޓް ގިނަ ރަށްތައް، ބަލާފައި އެ ރަށްތަކަށް އަމާޒުކޮށްގެންވެސް މި ޑައިލިސްސްގެ ޚިދުމަތް ކުރިއަށް ފުޅާކުރާނަން." ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.

އެންމެ ފަހުން ޑައިލިސްގެ ޚިދުމަތް ފަށާފައިވަނީ ނ. ވެލިދޫ ޞިއްޙީ މަރުކަޒު، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް އަދި ގއ. އަތޮޅު ހޮސްޕިޓަލެވެ.

މީގެ އިތުރުން މިއަހަރުގެ ފެބުރުއަރީ މަހު ހއ. އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި މި ޚިދުމަތް ފަށާފައިވާއިރު، 2024 ވަނަ އަހަރު ށ. އަތޮޅު ހޮސްޕިޓަލުގައި ޑައިިލިސިސްގެ ޚިދުމަތް ވަނީ ފަށާފައެވެ. މީގެ އިތުރުން ނ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސް ޔުނިޓަށް ވަނީ އެނދު އިތުރުކޮށްފައެވެ. މިހާރު ރާއްޖޭގައި ޑައިލިސިސް ގެ ޚިދުމަތް ނުފެށިވަނީ އއ، އދ، ވ ، މ، ފ އަދި ދ އަތޮޅުގައެވެ.

ޑައިލިސިސްގެ ޚިދުމަތަކަކީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީ ފަންކްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ކޮންމެ ހަފްތާއަކުވެސް 2 ނުވަތަ 3 ދުވަހު ހަށިގަނޑުގައި ލޭ ސާފުކުރުމަށް ޚިދުމަތް ހޯދާ ކޮންމެ ދުވަހަކުވެސް 4 ގަޑިއިރަށްދޭ ޚިދުމަތެކެވެ.