ޚަބަރު

ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ދަރީން ހަދަން މަސައްކަތްކުރުމަށް ޢީދު ޚުޠުބާގައި ގޮވާލައްވައިފި


  • އިސްލާމް ދީން އައީ އަޅުކަމުގެ ތެރެއިން މިއުންމަތުގެ ހަރުދަނާކަމާއި އާރާއި ބާރު ހާމަކޮށްދިނުމަށް

  • ޢީދުން އައު ޞަފުޙާއެއް ހުޅުވާލުމަށް ގޮވާލެއްވި

ދަރީން ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ހަދަން މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތަކަށް ހެދުމަށް ޢީދު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

އަޟްޙާ ޢީދު ދުވަހުގެ ޢީދު ޚުޠުބާގައިވަނީ އަޟްހާ ޢީދަކީ ޙައްޖުގެ އެންމެ ބޮޑު ދުވަސްކަމަށެވެ. އެއީ ދުނިޔޭގެ ކަންކޮޅުތަކުން އެތައް މުސްލިމުންނެއް އެއް ބިމެއްގައި މާތް اللهގެ އަމުރަފުޅަށް ބޯލަނބައި އެއްވެ ތިބޭ މި މަތިވެރި އެއްވުމަކީ، މުސްލިމުންގެ އެއްބައިވަންތަކަމާއި، މާތް اللهގެ ޙަޟުރަތުގައި އެންމެންގެ ހަމަހަމަކަން ދައްކުވައިދޭ ޢާލަމީ ބައްދަލުވުމެއްކަމަށެވެ.

ޚުޠުބާގައިވަނީ އިސްލާމް ދީން އައީ އަޅުކަމުގެ ތެރެއިން މިއުންމަތުގެ ހަރުދަނާކަމާއި އާރާއި ބާރު ހާމަކޮށްދިނުމަށްކަމަށެވެ. ކޮންމެ ދުވަހަކު ފަސް ވަގުތެއްގައި މިސްކިތުގައި މުސްލިމުން އެއްވާ އެއްވުމުން ދޭހަވަނީ އެއް ހިސާބުގަނޑެއްގައި އުޅޭ މުސްލިމުންގެ ބާރުކަމަށް ޚުޠުބާގައިވެއެވެ.

އަޟްހާ ޢީދަކީ ޙައްޖުގެ އަޅުކަމާ ގުޅިގެން އަންނަ ޢީދެކެވެ. ޙައްޖުގެ އަޅުކަމުން ހަނދާންކޮށްދެނީ ނަބީބޭކަލުންގެ ބަފައިކަލުން އިބްރާހީމްގެފާނާގެ ވާހަކަތަކާއި، އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނު ގެފުޅުގެ ބިންގަލުގެ މަތީގައި ގެފުޅު އަލުން ބިނާކުރެއްވި މަތިވެރި ޒިކުރާކަމަށް ޢީދު ޚުޠުބާގައިވެއެވެ.

އަދި އިބްރާހިމްގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގަތް ދަރިކަލުން ގުރުބާންކުރެއްވުމަށް މާތްﷲ ކުރެއްވެވި އަމުރުފުޅަށް އިޖާބަދެއްވި ގޮތާއި އިބްރާހިމްގެފާނާއި އިސްމާއިލްގެފާނު ވެސް މާތްﷲ އަމުރުފުޅަށް ކިޔަމަންވެވަޑައިގެންނެވި ގޮތް ޚުތުބާގައިވަނީ ފާހަގަކުރައްވާފައެވެ.

އަދި އިސްމާޢީލްގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ އަހަރެމެންގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއްކަމަށާއި މައިންބަފައިންނަށް ކިޔަމަންގަންނަން ޖެހޭ މިންވަރުގެ ދިރިހުރި މިސާލެއްކަމަށް ޚުޠުބާގައި ވިދާޅުވެފައިވެއެވެ. އަދި މިއީ އިސްމާޢީލުގެފާނަށް ލިބިވަޑައިގެންފައިވާ ތަރުބިޔަތުގެ ރަނގަޅުކަމާއި ހެޔޮކަންކަމަށްވެސް ވިދާޅުވެފައިވެއެވެ.

" މިއަދު އަހަރެމެންގެ ދަރީން މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ބަސް ނާހާ ވާހަކަ އަޑު އިވެއެވެ. އަހަރެމެންގެ ދަރީން ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ހަދާން މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަމުގައި ހަދާށެވެ!" ޢީދު ޚުޠުބާގައި ވިދާޅުވިއެވެ.

އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ، މާތް اللهއާއި އެކަލާނގެ ރަސޫލާގެ އެންގެވުންތަކާ ދުރުހެލިވުންކަމަށާއި، ވެރީންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސް ނޭހުންކަމަށްވެސް ޚުޠުބާގައިވެއެވެ. ޢީދުން އައު ޞަފުޙާއެއް ހުޅުވައިލައި، މުޅި ޙަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީންކަމުގައި ހެދުމަށް ޢީދު ޚުޠުބާގައިވަނީ ގޮވާލައްވާފައެވެ.