ކުޅިވަރު

އަލް ހިލާލްގެ ކޯޗުކަން އިންޒާގީއަށް


ސައުދީ އަރަބިއްޔާގެ އަލް ހިލާލްގެ ކޯޗުކަން އިޓަލީގެ ސިމޯން އިންޒާގީއަށް ދީފިއެވެ. އޭނާ ފާއިތުވެދިޔަ ފަސް އަހަރު ކޯޗުކޮށްދިނީ އިޓަލީގެ އިންޓަރ މިލާނަށެވެ.

ތިން އަހަރު ތެރޭގައި ޔޫރަޕިއަންސް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދެ ފަހަރު އިންޓަ މިލާން ގެންގޮސްދިން ކޯޗެވެ.

އޭނާއާއެކު ސޮއި ކުރީ 2027ގެ ނިޔަލަށެވެ. މިއީ އަހަރަކު 26 މިލިއަން ޔޫރޯ ލިބޭ އެއްބަސްވުމެކެވެ. ސިމޯން އިންޒާގީ އިންޓަމިލާނާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލީ ހުސްވި ސީޒަނަށް ފަހު އެވެ. އޭރު އޭނާގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތެވެ.

އިންޓަމިލާނުގެ ކޯޗުކަމުން އިސްތިއުފާ ދިނުމަށް އިންޒާގީ ބުނީ މިއީ ކުލަބާ ވަކިވާންވީ ވަގުތު ކަމަށެވެ.
"އަހަރެން ދުވަހަކު ވެސް އިންޓަމިލާން މަތިން ހަނދާން ނުނެތޭނެ. އަދި އަހަރެންނާއެކު އުފާކޮށް، ރޮއި ހެދި އެއްތައް މިލިއަން ސަޕޯޓަރުންނަށް އަބަދުވެސް ޝުކުރުވެރިވާނަން. އަހަރެން ދެކޭ ގޮތުގައި މިއީ އަހަރެން މި ކުލަބުން ވަކިވާންވީ ވަގުތު،" އިންޒާގީ ބުންޏެވެ.

އޭނާ ވަނީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އިންޓަ މިލާނަށް ހަ ތަށި ހޯދައިދީފަ އެވެ. އެއީ އިޓާލިއަން ސުޕަކަޕް ތިން ފަހަރު އަދި އިޓާލިއަން ކަޕް ދެ ފަހަރު އަދި އިޓާލިއަން ލީގު އެއް ފަހަރު އެވެ. އަދި ތިން އަހަރު ތެރޭގައި ދެ ފަހަރު ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ޓީމު ވަނީ ގެންގޮސްދީފަ އެވެ.

އޭނާގެ ފަހު ސީޒަނަކީ އިންޓަމިލާނުގައި ކާމިޔާބު ސީޒަނެއް ނޫނެވެ. އިޓާލިއަން ލީގު ދިފާއު ނުކުރެވުނީ ލީގު ނިމެން ދަނިކޮށް ހެދުނު ގޯހަކުން ނަޕޯލީ އަށް ވުރެ އެންމެ ޕޮއިންޓެއް މަދުވުމުންނެވެ. ސުޕަ ކަޕާއި އިޓާލިއަން ކަޕުން ވެސް ބަލިވެ މި ސީޒަން ނިންމާލަން ޖެހުނީ ހުސްއަތާ އެވެ.