އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ހިލޭ އެހީގެ ގޮތުގައި ޖަޕާނުން ރާއްޖެއަށް 194 މިލިޔަން ޖަޕަނީޒް ޔެން އެހީއެއް ދީފިއެވެ. މިއީ ޖަޕާނު ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް، ޖޭޑީއެސްގެ ދަށުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ދީފައިވާ އެހީއެކެވެ.
ޖަޕާނު ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް، ޖޭޑީއެސްގެ ދަށުން މިއަހަރު ޖަޕާނު ސަރުކާރުން ދޭ ސްކޮލަޝިޕް ފުރުސަތުތައް ކުރިއަށް ގެންދިއުމަށް 194 މިލިޔަން ޖަޕާނު ޔެން ނުވަތަ 1.3 މިލިޔަން އެމރިކާ ޑޮލަރުގެ ހިލޭ އެހީއެއް ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މިއަދު ހެނދުނު ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝެރީނާ ޢަބްދުއްޞަމަދުއެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ.
މި ރަސްމިއްޔާތުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުއްރަޙީމް ޙަސަންގެ އިތުރުން އެ ވުޒާރާގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަން، ޖަޕާނު އެމްބަސީ އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސްބޭފުޅުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ޖަޕާން ސަރުކާރުގެ ފަރާތުން 2020 ވަނަ އަހަރުން ފެށިގެން ދެއްވަމުން ގެންދަވާ މިއެހީގެ ދަށުން، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުގައި މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދެއެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމުގެ މަޤްޞަދަކީ މުސްތަޤްބަލުގައި އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ޤާބިލު އަދި ޤައުމު އާރާސްތު ކުރުމުގައި މުހިންމު ރޯލެއް އަދާ ކުރާނެ ދިވެހި ޒުވާނުން ބިނާކުރުމެވެ.
މި އެއްބަސްވުމުގެ ދަށުން 6 ދަރިވަރަކަށް ފުލީ ފަންޑެޑް ސްކޮލަރޝިޕް ފުރުޞަތު ހޯދައިދެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިދިޔަ އަހަރުވެސް ޖަޕާނު ސަރުކާރުން ވަނީ މި އެހީތެރިކަން ފޯރުކޮށްދީފައެވެ. ޖޭޑީއެސްގެ ޕްރޮގްރާމުތަކަކީ އެއް އަހަރު ނުވަތަ ދެ އަހަރުގެ ޕްރޮގްރާމްތަކެކެވެ.