ޚަބަރު

1000 ޙައްޖާޖީންގެ ބޮޑުކައްކާ، އެންމެ އިސްކަންދެނީ ދިވެހި ރަހަތަކަށް، އުފާވަނީ މީރޭ ބުނުމުން!


  • އެއްހާސް ޙައްޖާޖީންނަށް ކޮންމެ ދުވަހަކު ހުރިހާ ގަޑިއަކަށް ކެއުން ތައްޔާރުކުރޭ

  • ދިވެހި ކެއުންތައް ތައްޔާރުކުރަން އިސްކަންދޭ

އެއްހާހެއްހާ މީހުންހަށް ކައްކާ ބަދިގެތެރޭގެ އިންތިޒާމުތައް ބެލެހެއްޓުމަކީ އާދައިގެ މަސައްކަތެއް ނޫނެވެ. ނ. މަނަދުއަށް އުފަން ޙުސައިން ރަޝީދު (ހުސޭނުބެ)އަކީ މިއަހަރު ދިވެހިރާއްޖެއިން ޙައްޖަށް ދިޔަ 1000 ހައްޖުވެރިންނަށް ކައްކައިދޭ ބޮޑު ކައްކާއެވެ.

ހުސޭނުބެއަކީ ހައްޖުވެރިންނަށް ކައްކައިދިނުމުގެ ތަޖުރިބާހުރި ކައްކާއެކެވެ. ދިވެހި ޙައްޖާޖީންނަށް ކައްކައިދިނުމުގެ ފުރުޞަތު އެންމެ ފުރަތަމަ އޭނާއަށް ލިބުނީ 2016ވަނަ އަހަރުއެވެ. ކުރިން އަމިއްލަ ބައެއް ފަރަތްތަކާއެކު ހާޖީންނަށް ކައްކައިދިންނަމަވެސް 2019ވަނަ އަހަރުންފެށިގެން ހުސޭނުބެ މަސައްކަތްކުރަނީ ޙައްޖު ކޯޕަރޭޝަނާއެކުއެވެ. ކުރިއާ ޚިލާފަށް މިހާރު ހުސޭނުބެއަކީ ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ މީހުންނަށް އެއްވަގުތަކު ކާން ތައްޔާރުކޮށްދޭންޖެހޭ މީހެކެވެ. ދިހަ މީހުންގެ ޓީމަކާއެކު ކޮންމެ ދުވަހަކުވެސް ބަދިގެއަށް ވަންނަނީ ހުސޭނުބެގެ ކެއްކުމުގެ ހުނަރު ދައްކާލުމަށެވެ.

ދިވެހި ހައްޖާޖީންގެ ކެއުމުގެ ކަންކަން ހަމަޖައްސަން ހުސޭނުބެއާއި، އޭނާގެ ޓީމު ބަދިގެއަށް ވަންނަނީ ފަތިހު 05:00 ގައެވެ.

"އެއީ ފުރަތަމަ ހެނދުނު ސައި. ހަތެއް ޖަހާއިރަށް ނިންމަން ހެނދުނު ސައިގެ ކަންތައް. އެންމެ ބުރައީވެސް ހެނދުނު ގަޑީގައި." ހުސޭނުބެ ކިޔައިދިނެވެ.

މިވަގުތަކީ ހުސޭނުބެއާއި، އޭނާގެ ޓީމަށް ވަރަށް ބުރަ ވަގުތެކެވެ. ފަތިސްނަމާދަށްފަހު ބަދިގެއަށް ވަދެ ހެނދުނު 7 ޖަހަންވާއިރަށް ސައި ތައްޔާރުކުރުމުގެ މަސައްކަތް ނިންމާލައެވެ. ދިވެހިންގެ ނާސްތާއާ ގުޅޭ ބާވަތްތައް ސުފުރާމައްޗަށް ނެރުމަށް ހުސޭނުބެ ޚާއްސަ ސަމާލުކަމެއް ދެއެވެ. ކޮންމެ އިރަކަށްވެސް ދިވެހި ރަހަތައް ދިވެހި ހައްޖާޖީންނަށް ލިބެން ހުރެއެވެ.

"އެންމެ ބޮޑަށް ދިވެހިންނަށް ކަމުދާނީ ބަތާ ގަރުދިއަޔާ ރިހާކުރު. ދެން މަހުގެ ބާވަތްތައް ގިނައިން ހިނގަނީ. ކޮންމެ ދުވަހަކުވެސް އާންމުކޮށް ހުންނާނެ ގަރުދިޔައާއި ބަތާއި ރިހާކުރާއި ތެލުލިފަތާ" ދިވެހި ހައްޖުވެރިންނަށް ތައްޔާރުކުރާ ކެއުންތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ހުސޭނުބެ ކިޔައިދިނެވެ.

ހުސޭނުބެ އެންމެ ބޮޑު އިސްކަމެއް ދެނީ ދިވެހި ޙައްޖުވެރިންނަށް ގަޑިން ގަޑިއަށް ކާން ދިނުމަށެވެ. އެގޮތުން ކަނޑައަޅާފައި ހުންނަ މެނޫތަކަކަށް ކާއެއްޗެހި ތައްޔާރުކޮށް ސުފުރާމަތީގައި އަތުރާލައެވެ. ކޮންމެ ދުވަހަކަށްވެސް ޚާއްސަ މެނޫއެއް އޮވެއެވެ. އަދި ކާ ގަޑިތަކެއް އޮންނަނީ ކަނޑައަޅާފައެވެ.

"ގަޑިއަށް [ކާން] ތައްޔާރުކޮށްފަ ބަހައްޓަނީ. މިސާލަކަށް މެންދުރު ނަމާދުން ފައިބާ ގަޑިއަށް މެންދުރުގެ ކެއުން. ޢަސްރު ނަމާދުން ފައިބާއިރަށް ހަވީރު ސައި. ރޭގަނޑު ކެއުން އިޝާ ނަމާދުން ފައިބާއިރަށް." ކެއުމުގެ ގަޑިތައް ރޭވިފައިވާގޮތް ހުސޭނުބެ ކިޔައިދިނެވެ.

އަނގަޔަށް މީރު ތަފާތު ބާވަތްތައް ގަޑިން ގަޑިއަށް ކެއްކުމަށް ހުސޭނުބެއާ އޭނާގެ ޓީމުން ވަރަށް ބުރަކޮށް މަސައްކަތްކުރެއެވެ. މި ބުރަކަން ހަނދާނުން ފިލައިގެންދާ ޚާއްސަ ވަގުތެއް އާދެއެވެ.

"އެންމެ ބޮޑަށް ހިތްހަމަޖެހެނީ ހާދަ މީރޭ ހާދަ ރަނގަޅޭ، ޙާޖީއަކު ބުނެލާ ގަޑީގައި" ހިނިތުންވެލަމުން ހުސޭނުބެ ބުންޏެވެ.


ހުސޭނުބެގެ ކެއްކުމުގެ ހުނަރުތައް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖާއި، އުމްރާއަށް އަންނަ ދިވެހިންނަށް ވަނީ ފެނި ތަޖުރިބާކުރެވިފައެވެ. ހުސެންބެ ތައްޔާރުކުރާ ކުޅިބަތްޕެނަކީވެސް އާދަޔާ ޚިލާފު، މީރު އެއްޗެކެވެ. ކެއްކުމަށް ހުންނަ ޝައުގުވެރިކަމަކާ ދިވެހި ޙައްޖާޖީންނަށް ޚިދުމަތްކުރުމަށް އޮންނަ ލޯތްބެއްގެ ސަބަބުން ހުސޭނުބެގެ އިރުޝާދުގެ ދަށުން ކައްކާ ކޮންމެ އެއްޗެއްވެސް ވަރަށް މީރެވެ.

"ކެއުމުގަ މިތިބީ އެވްރެޖްކޮށް ދުވަސްވީ މީހުން. ތަންކޮޅެއް ހަގުމީހަކު ހުއްޓަސް އެހީތެރިއެއްގެ ގޮތަށް އަޔަސް މިތިބީ ދުވަސްވީ މީހުން. އެމީހުންނަށް އެކަށީގެންވާ ކެއުމަށް މިހިރީ ތައްޔާރުކޮށްފަ." ބަދިގޭގައި ކާން އިން ދިވެހި ޙައްޖާޖީއެއް ކިޔައިދިނެވެ.

"ހަމަ ބުނެލަން ކެރޭނެ ރިހާކުރުގެ ވާހަކަ. ރިހާކުރު ހަމަ ވަރަށް ތަފާތު. ނޭނގެ ކޮންކަހަލަ ރެސިޕީއެއްކަމެއް ތައްޔާރުކޮށްފަހުރީ. ކޮންމެ ގަޑިއެއްގައިވެސް ރިހާކުރު އެބަހުރޭ. މީ ހަމަ ވަރަށް ތަފާތު ރަހަގަނޑު." ކެއުމަށް ތަޢުރީފްކުރަމުން ޙައްޖާޖީއެއް ވާހަކަދެއްކިއެވެ.

ހުސޭނުބެއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދިވެހި ޙާޖީންނަށް ކައްކައިދިނުމުގެ ފުރުސަތު ލިބުމެވެ.