ކުޅިވަރު

ފައިސާ ހޯދަން ފެނާންޑޭޒް ވިއްކައިގެން ނުވާނެ: އަމޮރިމް


ފައިސާ ހޯދުމުގެ ނިޔަތުގައި މެންޗެސްޓާ ޔުނައިޓެޑުން ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ވިއްކައިގެން ނުވާނެ ކަމަށް ކޯޗު ރުބެން އަމޮރިމް ބުނެފިއެވެ.

އޭނާ މިހެން ބުނީ ސައޫދީ އަރަބިއްޔާގެ އަލް ހިލާލްއިން ފެނާންޑޭޒް ގަތުމަށް 100 މިލިއަން ޕައުންޑް ހުށަހެޅުމުންނެވެ. މާލީ ދަތިކަން ދިމާވެފައިވާ ޔުނައިޓެޑްގެ މެނޭޖްމަންޓުން ދަނީ މި ހުށަހެޅުން ގަބޫލުކޮށް ކުޅުންތެރިޔާ ދޫކޮށްލަން ތައްޔާރުވަމުން ކަމަށް އިނގިރޭސި ނޫސްތަކުން ބުނެ އެވެ.

ނަމަވެސް މިއީ ކޯޗު އަމޮރިމްގެ ރުހޭ ކަމެއް ނޫނެވެ. މި ހިޔާލާ އޭނާ ވަރަށް ދެކޮޅެވެ. ނޫސްވެރިން ސުވާލު ކުރުމުން ކޯޗު ބުނީ ފެނާންޑޭޒް ވިއްކާނުލައި ވެސް ފައިސާ ހޯދެންވާނެ ކަމަށެވެ.

"ފައިސާ ހޯދަން އޭނާ ވިއްކައިގެން ނުވާނެ. އެއީ އަހަރެން ބޭނުންވާ ގޮތެއްނޫން. މެންޗެސްޓާ ޔުނައިޓެޑަށް ފައިސާ ހޯދޭނެ އެ ނޫން ގޮތްގޮތް ވެސް ހުންނާނެ. ޓީމުގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ އަދި ކެޕްޓަން ފައިސާ ހޯދާށޭ ކިޔާފައި ވިއްކާލުމަކީ އެއްވެސް ކޯޗަކު އެއްބަސްވާނެ ގޮތެއް ނޫން،" އަމޮރިމް ބުންޏެވެ.

އޭނާ މިހެން ބުނި ނަމަވެސް އަލް ހިލާލް ކުޅުމާމެދު ގޮތެއް ނިންމަން ބުރޫނޯ ފެނާންޑޭޒް އަށް ދީފައިވަނީ 72 ގަޑިއިރު މުހުލަތެކެވެ.

މިއަދުގެ ނިޔަކަށް މި މުހުލަތު ހަމަވާނެއެވެ. އަދި މިކަމާމެދު ބުރޫނޯ ފެނާންޑޭޒް ގޮތެއް ނިންމަން ޖެހިފައިވާއިރު އޭނާ ހުރީ ޔުނައިޓެޑާމެދު މުޅިން ހިތްހަމަ ޖެހިގެން ނޫނެވެ. ސަބަބަކީ އެ ޓީމުގެ ފޯމު ވަރަށް ބޮޑަށް ދަށްވުމާއި އަންނަ ސީޒަނުގައި ޔޫރަޕުގެ އެއްވެސް މުބާރާތެއް ކުޅުމުގެ ފުރުސަތު ނެތުމުންނެވެ. ޔުނައިޓެޑަކީ އަންނަ ސީޒަނުގައި ޔޫރަޕުގައި ނުކުޅޭ އިނގިރޭސި ހަމައެކަނި ބޮޑު ކުލަބެވެ.

އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ އަށް ހުށަހަޅާފައިވަނީ ހަފުތާއަކު ހަތް ލައްކަ ޕައުންޑްގެ މުސާރައެކެވެ. މި ހުށަހެޅުމާ ގޮތެއް ނިންމަން ބުރޯނޯ ޔުނައިޓެޑްގެ ވެރިންނާއެކު ވަރަށް އަވަހަށް އިށީންނާނެ ކަމަށް ވެސް އިނގިރޭސި ނޫސްތަކުން ދަނީ ބުނަމުންނެވެ.

ގިނަ މީޑިއާތަކުން ލަފާ ކުރަނީ ޔުނައިޓެޑްގެ މެނޭޖްމަންޓުން މި އަގުގައި ބުރޫނޯ ވިއްކާލަން ބޭނުންވަނީ ސްކޮޑް ވަރުގަދަ ކުރެވެން އޮތީ މިހާރު ތިބި ގިނަ ކުޅުންތެރިން ވިއްކާލައިގެން ލިބޭ ފައިސާ ހަރަދުކޮށްގެން ކަމަށް ވެސް ވާތީ އެވެ.