ޚަބަރު

"ޙަޤީޤީ ތާހިރުކަމަކީ ހިތުގެ ތާހިރުކަމާ ނުލައި ފުރިހަމަވާނޭ ކަމެއްނޫން"


  • ޚުޠުބާގެ މަޢުޟޫއަކީ "ސާފުޠާހިރުކަމާއި ޒީނަތްތެރިކަން"

ޙަޤީޤީ ތާހިރުކަމަކީ ހިތުގެ ތާހިރުކަމާ ނުލައި ފުރިހަމަވާނޭ ކަމެއްނޫން ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "ސާފުޠާހިރުކަމާއި ޒީނަތްތެރިކަން" އެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ މުސްލިމެއްގެ ދިރިއުޅުމުގެ ބިންގަލަކީ ސާފުތާހިރުކަން ކަމަށެވެ. އޭނާ ނަމާދަށް ހުއްޓެނީ ވުޟޫކޮށް ތާހިރުވެގެންނެވެ. ޤުރްއާން ކިޔަވަނީ ވެސް ތާހިރުކަންމަތީ ހުރެއެވެ. އޭނާގެ ހަށިގަނޑާއި ފޭރާމާއި އުޅޭ ތަން ސާފުކޮށް ބެލެހެއްޓުމަކީ ހަމައެކަނި އާދައެއް ނޫން ކަމަށާއި އެއީ الله سُبْحَانَهُ وَتَعَالَى ލޯބިވެވޮޑިގަންނަވާ މަތިވެރި އަޅުކަމެއް ކަމަށެވެ.

ޚުޠުބާގައި ވިދާޅުވީ ޙަޤީޤީ ތާހިރުކަމަކީ ހިތުގެ ތާހިރުކަމާ ނުލައި ފުރިހަމަވާނޭ ކަމެއްނޫން ކަމަށެވެ. ޝިރުކާއި، ޙަސަދައާއި، ޝައްކުތަކުން ހިތް ސާފުނުކޮށް، ހަމައެކަނި ބޭރުފުށް ރީތިކުރުމަކީ، ގަނޑުވަރެއްގެ ބޭރު ޒީނަތްތެރިކޮށްފައި އޭގެ އެތެރެ ގޮނޑަކަށް ހެދުން ފަދަ ކަމެއް ކަމަށެވެ.

މާތް الله އިންސާނާ އުފައްދަވައިފައިވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. މި ސާފުކަން ދެމެހެއްޓުމަށް ޓަކައި، މާތް ނަބިއްޔާ ވަނީ "ފިޠުރަތުގެ ސުންނަތްތައް" އަހަރެމެންނަށް އުނގަންނައިދެއްވައިފައެވެ.

"މިއަދުގެ ޒަމާނީ ވަސީލަތްތަކާއެކު، ސާފުތާހިރުވުމުގެ ނަމުގައި ބައެއް ފަހަރު ދީނީ އިންތަކުން ބޭރުވާތަން އެބަފެނޭ. އޭގެ ތެރެއިން އެންމެ ނުރައްކާތެރި އެއްކަމަކީ، ސެލޫންތަކަށް ގޮސް "ވެކްސް" ކުރުމަށް ނުވަތަ "ލޭޒާ ޓުރީޓްމެންޓު" ހެދުމަށް ޓަކައި، ތިމާއަށް ހުއްދަ ނޫން މީހުންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުން. މިއީ ދީނީ ގޮތުން ހުއްދަކަމެއް ނޫން." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ މިސްކިތްތަކަކީ މަލާއިކަތުން ޙާޟިރުވާ ތަންތަނެވެ. އާދަމުގެ ދަރިޔާއަށް އުނދަގޫވާ ކޮންމެ ކަމަކުން މަލާއިކަތުންނަށް ވެސް އުނދަގޫފުޅު ވެއެވެ. ވީމާ ތިމާގެ ހަށިގަނޑާއި ފޭރާމުން ދުވާ ވަހަށް ސަމާލުވުމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

"ދުންފަތުގެ އިސްތިއުމާލުކޮށްގެން، ނުވަތަ ގައިން ދާވަސް ދުވާ ޙާލުގައި ނުވަތަ އަނގައިން ނުބައިވަސް ދުވާ ޙާލުގައި، މިސްކިތުގެ ޖަމާޢަތަށާއި މީސްތަކުން އެއްވެ ތިބޭ ތަންތަނަށްދާ އިރު އެ ވަސްތައް ކަނޑުވައިގެން މެނުވީ އެ ފަދަ ތަންތަނަށް ނުދާށެވެ! އެއީ އެހެން މީހުންނަށް ކުރެވޭ އުނދަގުލެކެވެ!" ޚުޠުބާގައި ވިދާޅުވިއެވެ.

އިސްލާމްދީނަކީ ރީތިކަމަށް ލޯބިކުރާ، އަދި ޒީނަތްތެރިވުމަށް ހިތްވަރުދޭ ދީނެވެ. ތިބާ ލައިއުޅޭ ފޭރާމާއި، ދިރިއުޅޭ ގެދޮރާއި، ތިބާގެ ބޭރުފުށް ސާފު ތާހިރުކޮށް ބެހެއްޓުމާއެކު، މާތްﷲ އެންގެވިގޮތަށް ޢަމަލުތައް ބެހެއްޓުމަކީ، އެތެރެފުށުގެ ސާފުތާހިރުކަމެވެ.

"މިއަދުގެ މުޖުތަމަޢުން ފެންނަ ހިތާމަވެރި ބައެއް މަންޒަރުތަކަށް ބަލައިލާ އިރު، ބައެއް ފަހަރު ނޭނގުމުގެ ތެރެއިން ނަމަވެސް، ހެދުން އެޅުމުގައި ބޮޑެތި ކުށްތަކަށް އަރައިގަނެވެއެވެ. ބުރުގާ އެޅުމުގެ އަޞްލު މަޤުޞަދަކީ ޢައުރަ ނިވައިކުރުމެވެ. ޢިއްފަތްތެރިވެ އަބުރުވެރި ވުމެވެ. ނަމަވެސް ބުރުގާ އަޅައިގެން ތިބޭ އިރު، ކަންފަތުގައިލާ މުދި ނުވަތަ ކަރުގައި އަޅާ ފަށް ފެންނަގޮތަށް ބުރުގާ އެޅުމާއި، ބޮލުގައި ފޮތިކޮޅެއް އޮޅައިލައިގެން ކަނދުރާ ފެންނަގޮތަށް ހެދުން އެޅުމަކީ ޙިޖާބުގެ މަޤުޞަދު ގެއްލޭ ކަމެކެވެ. އަދި ހަށިގަނޑުގެ ވަނާތައް އެނގޭ ގޮތަށް ގަޔަށްބާރު ހެދުން ލައި، ހިލޭ ފިރިހެނުންގެ ލޮލުގައި އަޅައިގަންނަ ފަދަ ގޮތްގޮތަށް ޒީނަތްތެރިވުމަކީ އިހުގެ ޖާހިލީ ޒަމާނުގެ އާދައެކެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ފިިރިހެނުން ވެސް ކުޅިވަރުގެ މައިދާނުގައި ވިޔަސް، އަދި އެހެން ތަނެއްގައި ވިޔަސް ތިބާގެ ޢައުރަ ހާމަނުކުރުމާއި، ޢައުރަ ނިވައިނުވާވަރުގެ ފޭރާން ލައިގެން އުޅުމަކީ މުސްލިމުންގެ ކަމެއް ނޫން ކަމަށެވެ. ނަމާދުގައި ރުކޫޢުކޮށް ސަޖިދަކުރާއިރު ޢައުރަ ކަޝްފުވާފަދަ ހެދުން އެޅުމަކީ ނަމާދު ބާޠިލުވާނޭކަމެކެވެ.

ޒީނަތްތެރިވުމުގެ ނަމުގައި، މާތް ﷲ އުފެއްދެވި ސިފަ ބަދަލުކުރުމަކީ ޝައިޠާނާގެ މަޅިތަކުގެ ތެރެއިން މަޅިއެކެވެ. މިގޮތުން ޓެޓޫ ޖެހުމާއި ބުމަ ހެދުން ނުވަތަ ބުމައިގެ އިސްތަށި އުފުރައި، ބުމަ ތުނިކުރުމާއި ހަށިގަނޑުގެ ސިފަ ބަދަލުކުރުން ފަދަ ކަންކަން ކުރުމަކީ ﷲގެ ލަޢުނަތް ހުރި ކަންކަމުގައި ޚުޠުބާގައި ވިދާޅުވިއެވެ.

ދެމަފިރީން އެކަކު އަނެކަކަށް ޒީނަތްތެރިވުމަކީ ލޯބި އިތުރުވެ، ހިލޭ މީހުންނަށް ބެލުމުން ލޯތައް ރައްކާތެރިކޮށްދީ ޢިއްފަތްތެރިކޮށްދޭނޭ ކަމެކެވެ. އެންމެ ރީތި ހެދުން ލާންވީ ހަފުލާތަކަށް ދާކަށެއް ނޫނެވެ. އެންމެ މީރުވަސްދުވާ ސެންޓާއި އަތަރު ބޭނުންކުރާންވީ ގެއިން ބޭރަށް ނުކުންނާކަށެއް ނޫނެވެ. އެ ކަން ކުރާންވީ ތިބާގެ އަމިއްލަ ގޭގައެވެ. ޙަލާލު ބައިވެރިޔާގެ ކުރިމަތީގައިކަމަށް ވިދާޅުވިއެވެ.