ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން އައްޑޫ ސިޓީ ކައުންސިލާއެކު ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.
މިފަހުމުނާމާއަކީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 1005 ވަނަ މާއްދާގައިވާ "ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު" ގައިވާ ގޮތުގެ މަތީން ކަނޑައެޅޭ އަދަބުތައް ތަންފީޛު ކުރުމުގައި ޢަމަލު ކުރާނޭ ގޮތްތަކާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަދަބު ތަންފީޛު ކުރުމުގައި، އަތޮޅު ކައުންސިލް ނުވަތަ ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާގުޅޭގޮތުން ސޮއިކުރެވުނު ފަހުމްނާމާއެކެވެ.
މިފަހުމުނާމާގެ ދަށުން އައްޑޫ ސިޓީ ކައުންސިލުން ކޯޓުތަކުން ކަނޑައަޅާ އަދަބުގެ ބާވަތާ ގުޅިގެން ޤައިދީ ވަކި ތަޢުލީމީ ޕްރޮގްރާމެއް ނުވަތަ އެނޫން ޕްރޮގްރާމެއްގައިވެސް ބައިވެރިކުރުމަށް އަމުރު ކުރާ ޙާލަތުގައި، އައްޑޫ ސިޓީ ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުން އެއިރަކު ކުރިއަށް ގެންދާ ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް އެމްސީއެސްއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި މުޖުތަމަޢަށް ޚިދުމަތް ކުރުމަށް ކުރެވިދާނެ އެކި މަސައްކަތްތައް ދެނެގަތުމަށް އައްޑޫ ސިޓީ ކައުންސިލާއި، ގުޅުން ހުރި އެންޖީއޯ ތަކުންނާއި މިނޫންވެސް އެކި ދާއިރާތަކުގެ މަޢުލޫމާތު ހޯދާ އެމްސީއެސްއާ ހިއްސާކުރުމާއި، އެކަން ހަމަޖެއްސުމުގައި އެމްސީއެސްއަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އަދަބުތައް ތަންފީޛު ކުރުމުގެ މުއްދަތުގައި، ޤައިދީން މުޖުތަމަޢުން ބަލައިގަންނަ ފަރާތްތަކެއްގެ ގޮތުގައި ހެދުމަށާއި، މުޖުތަމަޢަށް އަލުން ގުޅިގެން ދިއުމަށްޓަކައި މުޖުތަމަޢުގެ ދައުރު ބަޔާންކޮށްދީ، އާންމުން ހޭލުންތެރި ކުރުމަށް އެމްސީއެސްއަށް ބޭނުންވާ އެހީތެރިކަންވެސް މިފަހުމުނާމާގެ ދަށުން އައްޑު ސިޓީ ކައުންސިލުން ފޯރުކޮށްދޭނެއެވެ.
މިފަހުމުނާމާގައި ސޮއިކުރުމަށް މިއަދު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މިފަހުމުނާމާގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރުއެވެ.