ޚަބަރު

ރައީސް ރައްޔިތުންނާއި ގާތަށް: މ. ދިއްގަރުން ރައީސަށް ހޫނު މަރުހަބާއެއް


  • މިއީ ރައީސުލްޖުމްހޫރިއްޔާ މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގެ 13 ވަަނަ މަންޒިލް

  • ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މުލަކަތޮޅު ދިއްގަރަށް ވަޑައިގެންފިއެވެ.

ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މ. އަތޮޅަކީ ރައީސް ވަޑައިގެންނެވި 3 ވަނަ އަތޮޅެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މ. ދިއްގަރަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ ގިނަބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.

ދިއްގަރަކީ ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގެންނެވި 13 ވަނަ ރަށެވެ. އަދި މިއަދު ވަޑައިގެންނެވި 1 ވަނަ ރަށެވެ.

ދިއްގަރަށް ވަޑައިގެން އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގެ ތެރެއިން ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ދިއްގަރުގެ ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިންމުން އިފްތިތާޙް ކުރާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާއި ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.