ޚަބަރު

ބަންޑާރަނައިބުގެ އޮފީހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި


  • މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މިބިލު ގެޒެޓުގައި ޝާއިޢުކުރާތާ 90 ދުވަސް ހަމަވާ ތާރީޚުން ފެށިގެން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަންޑާރަނައިބުގެ އޮފީހުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މިއާއެކު، ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު ވުޖޫދުވީއެވެ.

ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނުގައި ބަންޑާރަނައިބުގެ މަގާމަށް އައްޔަން ކުރެވޭ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތު ކަނޑައެޅުމާއެކު، ބަންޑާރަނައިބުގެ އޮފީހުގެ ނަމުގައި ސިވިލް ސަރވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ޤާއިމުކުރުމަށްވަނީ ކަނޑައަޅާފައެވެ. އަދި އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާގޮތާއި ހިންގުމާގުޅޭ އުސޫލުތަކާއި މުވައްޒަފުންގެ ކަނޑައެޅުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވައިލެއްވުމަކީވެސް މިޤާނޫނުގެ ބޭނުމެކެވެ.

ޤާނޫނުއަސާސީގައި ބަންޑާރަ ނައިބުގެ އޮފީސް މިނިވަންތަނެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތްނަމަވެސް އެ އޮފީސް މިހާތަނަށް ހިންގަމުން އައިސްފައިވަނީ ސިވިލް ސަރވިސްގެ ދަށުންނެވެ. ނަމަވެސް މިނިވަން ތަންތަނުގެ ގޮތުގައި ޤާނޫނުގައި ބަޔާންކުރާ ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހާއި އެހެން މިނިވަން މުއައްސަސާތައް ހިންގަނީ ވަކި ޤާނޫނުތަކެއްގެ ދަށުންނެވެ.

މިޤާނޫނުގައި ބަނޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންކަމަށް ބަޔާންކުރަނީ ޑެޕިއުޓީ އެޓަރނީ ޖެނެރަލާއި ސެކްރެޓަރީ ޖެނެރަލާއި ލީގަލް ސަރވިސް އަދި އެޑްމިނިސްޓްރޭޓިވް ސަރވިސްގެ މަޤާމުތަކަށް އައްޔަންކުރެވޭ ފަރާތްތަކެވެ.

މިޤާނޫނުގައިވާ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ދެބަޔަކަށް ބަހާލެވޭނެއެވެ. އެއީ ލީގަލް ސަރވިސްއާއި އެޑްމިނިސްޓްރޭޓިވް ސަރވިސްއެވެ. މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ޤާނޫނުގައިވާ ގޮތުން ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް މާލީ ވަޒީރުއެވެ.

މީގެއިތުރުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން އެކަށީގެންވާ ސިއްޙީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިކުރުމާއި ރިޓަޔަމަންޓް ގަވައިދާ އެއްގޮތަށް ޝަރަފުވެރިކަމާ އެކު ވަޒީފާއިން ވަކިވުމުގެ އިނާޔަތްވެސް ކަނޑައަޅަން މިޤާނޫނުގައިވަނީ ހިމަނާފައިވެއެވެ.

ބަންޑާރަނައިބުގެ އޮފީހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ބިލު ތަޞްދީޤުކުރައްވައި، ގެޒެޓުގައި ޝާއިޢުކުރައްވާތާ 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.