ޚަބަރު

ރާއްޖެއަށް ބޭނުންވާ ސިމެންތި ގެނައުމަށް އިތުރު މާކެޓުތަކެއް


  • މީގެ ކުޑަދުވަސްކޮޅެއް ކުރިން ސިމެންތީގެ އަގު ވަރަށް ބޮޑަށް އުފުލިގެންދިޔަ

  • މިހާރުވެސް ގެންނަ މާކެޓުން ސިމެންތި ގަނައުމުގައި އަދި ދަތިކަމެއް ނެތް

ރާއްޖޭގެ ބާޒާރުގައި ސިމެންތި ލިބުމުގައި ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ސިމެންތި ސަޕްލައިކޮށްދޭނެ އިތުރު ހަތަރު މާކެޓެއް މިހާރު ހަމަޖެހިފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ސައީދު ވިދާޅުވީ، ދޭތެރެއަކުން ބާޒާރުގައި ސިމެންތި ނުލިބިގެން ދިމާވާ މައްސަލަތަކާ ގުޅިގެން، ސަރުކާރުގެ ކޮމިޓީން ގިނަ މަސައްކަތްތަކެއްކޮށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި މިހާރުވެސް އެސްޓީއޯ މެދުވެރިކޮށް އާންމުކޮށް ސިމެންތި ގެންނަ މާކެޓުތަކުން ސިމެންތި ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ސިމެންތި މިހާރުވެސް ގެންނަ މާކެޓުން ރާއްޖެއަށް ސިމެންތި ގެނައުމުގައި އެއްވެސް ދަތިކަމެއް ދިމާވެއްޖެ ހާލަތަކަށްވެސް ވިސްނައިގެން މަސައްކަތް ކުރެވުނީ. އެހެންކަމުން މިހާރުވެސް ބަދަލުގައި ބޭނުންކުރެވޭނެ އިތުރު 4 ސަޕްލަޔަރަކު މިހާރުވެސް ވަނީ ހަަމަޖެހިފައި." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މި މަސައްކަތަކީ ޚާރިޖީ ވުޒާރާއާއި ގުޅިގެން ކުރެވުނު މަސައްކަތެއްކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ މީގެ ބޭނުމަކީ އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ ތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ނާންނާނެކަން ކަށަވަރުކުރުން ކަމަށެވެ. މީގެ އިތުރުން މި ދާއިރާއަށް ބޭނުންވާ އެހެނިހެން ސާމާނުވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ސިމެންތީގެ އަގު މިހާރު ދަށަށް ގޮސްފައިވާއިރު، މި ހިނގާ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު މާލޭގެ ބާޒާރުގައި ސިމެންތި ބަސްތާއެއްގެ އަގު ހުރީ 300 ރުފިޔާއަށްވުރެ މަތީގައެވެ. އާންމުކޮށް 140 ރުފިޔާއާއި 160 ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކަމުންދިޔަ ސިމެންތި ބަސްތާއެއްގެ އަގު ނިމިދިޔަ މާޗު މަހު 250 ރުފިޔާއަށް އެރުމަށްފަހު، ވިލާއިން މާލެއަށް ޑެލިވަރީކޮށްދޭ އަގު 313 ރުފިޔާއަށް އަދި ތިލަފުށިން ވިއްކާ އަގު 302 ރުފިޔާއަށް އުފުލުނެވެ.