ފްލެޓާ ގުޅޭ ދާއިމީ ލިސްޓެއް ދެން ނުނެރޭނެކަމަށާއި، ޝަކުވާ ފޯމުތައް ރިވިއުކުރުމަށް ފަހު ފްލެޓް ނުލިބޭނެކަން ކަށަވަރުވާ މީހުންނަށް އެކަން އަންގަމުންދާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ މިހާރު ކުރިއަށްދަނީ 2023 ނޮވެންބަރު 15ގައި ނެރުނު ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން، ޝަރުތު ހަމަނުވާ މީހުންނަކީ ކޮބައިތޯ ބެލުމުގެ މަސައްކަތްކަމަށެވެ.
ކުރީ ސަރުކާރުން ފްލެޓް ލިބޭނެކަމަށް ކަނޑައަޅާ 2023 ނޮވެމްބަރު 15ގައި ނެރެފައިވާ ލިސްޓަކީ، ގިނަ ޝަކުވާތަކަކާ ގުޅިގެން އޭސީސީން އެ މަސައްކަތް މަޑުޖައްސާލުމަށް އަންގާފައިވަނިކޮށް ނެރެފައިވާ ލިސްޓެކެވެ. އޭސީސީން އޭރު ހާމަކުރިގޮތުގައި ލިސްޓުގެ ގާތްގަނޑަކަށް %70 މީހުން ފްލެޓަށް ޝަރުތު ހަމައެއް ނުވެއެވެ. އަދި މިސަރުކާރުން ޚާއްސަ ކޮމިޓީއެއް އެކުލަވާލާ ބެއްލެވުމަށްފަހު ހާމަކުރައްވާފަވަނީ ފްލެޓް ލިބޭނެކަމަށް ކަނޑައެޅި 2180 މީހުން ޝަރުތު ހަމަނުވާކަމަށެވެ. ސަރުކާރުން ކުރިއަށްގެންދިޔަ ލިސްޓް އިވެލުއޭޝަން މަސައްކަތުގައި 4939 ފޯމު ބަލާފައިވެއެވެ.
ސަރުކާރުން ނެރުނު ލިސްޓު އިވެލުއޭޝަނަށް ޝަކުވާ ހުށައެޅުމަށް ދިން ފުރުޞަތުގައި 8000އަށްވުރެ ގިނަ ޝަކުވާ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއަށް ހުށައަޅާފައިވެއެވެ.
ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ލިސްޓުގައި ގިނަ ބަޔަކު ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވަނީ މާލޭގައި ދިރިއުޅުނު މުއްދަތު ހާމަކޮށްދިނުމުގައި ހުރި ފުށުއެރުންތަކުންކަމަށެވެ.
ޝަކުވާތައް ރިވިއުކުރަމުންދާއިރު، ލިސްޓުގައި ޝަތުރު ހަމަނުވާ މީހުންނަށް އެކަން އަންގަމުންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެމީހުން ޖަވާބުދާރީވާން ފުރުޞަތެއްވެސް ދޭނެކަމަށް މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.
ވަޒީރު މުއްޠަލިބު ވިދާޅުވީ ލިސްޓުގައި މައްސަލައެއް ނެތި، ޝަރުތު ހަމަވާ ފަރާތްތަކުގެ އެގްރިމަންޓްތައް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށެވެ. އަދި ފްލެޓްތައް ނިމެމުންދާވަރަކަށް އެ ފަރާތްތަކާ ފްލެޓްތައް ހަވާލުކުރަމުންދާނެކަމަށެވެ.
"ޖުލައިމަހު އެންމެ ފުރަތަމަ މީހުންނަށް ފްލެޓްތައް ހަވާލުކުރެވި އެތާނގައި އުޅެވޭވަރުވާނެ. ސަރުކާރުގެ ޢަމާޒަކީ ސެޕްޓެންބަރުގެ ނިޔަލަށް ހުރިހާ ފްލެޓްތައް ނިންމާ ހަވާލުކުރުން. އަދި މުޅި މައްސަލައަށް ޙައްލު އައުން." ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ 1000 ހައުސިން ޔުނިޓްގެ އިމާރާތުގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާކަމަށެވެ. ނަމަވެސް އެތަންތަނުގައިވެސް ޔުޓިލިޓީ ޚިދުމަތްތައް ގުޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި ޖުލައިގެ ނިޔަލަށް އިތުރު 1000 ޔުނިޓް ނިމި، މުޅި މަޝްރޫޢު ސެޕްޓެމްބަރަށް ނިންމާނެކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.