މިއަހަރުގެ އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ކ. މާފުށިން ތައްޔާރުވެއްޖެއެވެ. އެގޮތުން މިއަދު އެރަށު ކައުންސިލުންވަނީ ޢީދުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ހަރަކާތްތައް ލޯންޗުކޮށްފައެވެ.
އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް، މާފުށީގައި އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށް މާފުށީ ކައުންސިލުން ވިދާޅުވެއެވެ. ޢީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް މާފުށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް ޙަސަން ސަލާޙް ވިދާޅުވީ، ފިތުރު ޢީދެކޭ އެއްފަދައިން މި ޢީދުގައިވެސް ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް އެންމެންނަށް ހުޅުވާލާފައިވާކަމަށެވެ. އަދި މި ޢީދުގައިވެސް މާލެއިން މާފުށްޓަށް އަންނަން ބޭނުންވާ މީހުންނަށް ފެރީގެ ޚިދުމަތްތައް ފުޅާކޮށްފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.
"އާންމުކޮށްވެސް ފެރީ ޝެޑިއުލްގަ 20 ދަތުރު އޮވޭ މިކޮޅުން މިހާރުވެސް ކުރެވޭ ގޮތަށް، އޭގެއިތުރުން މިހާރު އަޅުގަނޑުމެންނަށްވަނީ ޢީދު ދުވަހު ޑޭ-ވިޒިޓަށް އަންނަ ބޭފުޅުންނަށްވެސް ހަރަކާތްތަކުގަ ބައިވެރިވެފަ ދެވޭނެ ގޮތް މާފުށީ ޓުއަރސް އިން ހަމަޖައްސައިދޭނެކަމުގެ ޔަޤީންކަން ދެއްވާފަ. މާނައަކީ ޝޯވް ނިންމާލާފަ ދެވޭނެ ފެރީއެއް އެބޭފުޅުން ބާއްވާނެކަން ވަނީ އަޅުގަނޑުމެންނަށް ޔަޤީންކޮށްދީފައި." ކައުންސިލްގެ ރައީސް ޙަސަން ސަލާޙް ވިދާޅުވިއެވެ.
ޢީދު ފާހަގަކުރުމުގެ ގޮތުން މާފުށީގައި ބޭއްވުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ވެދުމާ ދިއުން، އީދު ބަޑި ރޯކުރުން، ސަޤާފީ ޖާފަތް، ބޮޑު ޖަމާޢަތުގައި ޢީދު ނަމާދާއި ޢީދު ސައި، ޢީދުގެ މުނާސަބަތުގައި ބޭއްވޭ ހަރަކާތްތަކުގެތެރެއިން ކަލަރ ރަން، ކުޑަކުދިންގެ ހަވީރު، އަދި ދިގުމަގު ނެގުމުގެ ސަޤާފީ ހަރަކާތްތައް ހިމެނެއެވެ.
މީގެއިތުރުން، ޢީދު ޝޯވް ގައި ޕާރފޯމް ކުރުމަށް އިކުއަޓިކް ވައިބް، މާފުށި ސަޤާފީ ގްރޫޕް އަދި ޝޯވްގެ ތެރެއިން ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ހަމައެއާއެކު ވަޅު ޢީދު ދުވަސްތަކުގައި ވާދެމުމުގެ މުބާރާތެއްގެ އިތުރުން ކޯޑި ކެނޑުމާއި، ނަލަކޯޑި ހިނގުމާއި ރޮބޯމޭންއާއެކު މާލި ޕެރޭޑް، ސިމްބޮލިކް ރިކޯޑްސްގެ ޚާއްސަ ޝޯވް ތަކެއް ހިމނެއެވެ.
ހަމައެއާއެކު، ހިޔަލަ ޑާންސް ގްރޫޕް، ނައު އެންޑް ދެން ބޭންޑް، ސްކައި ރޮކް ބޭންޑް އަދި ގެމާ ރޭޒްއާއި ޓްރެފިކް ޖޭމްގެ ޙާއްސަ ހަރަކާތްތައް ޢީދު ޝޯވްގެތެރެއިން ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. މީގެއިތުރުން، ލައިވް މިއުޒިކް އަދި ބާބަކިއުއަކާއެކު މަސްރޭހާއި ކުލައާއި ފެން ޖެހުމުގެ ކުޅިވަރުތައް އޮންނާނެކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވެއެވެ.
އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ އަޟްހާ ޢީދަށް ކައުންސިލުން ދިއްލާ ދިއްލުންތަކުގެ އިތުރުން، އާންމު ގޭބިސީތައް ދިއްލުމުގެ ޚާއްސަ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ކޮންމެ ގޭބިސީއަކުންވެސް އެގެއެއްގެ ދޮރުމަތި ބޮކިފަތިން ދިއްލައި ޒީނަތްތެރިކުރުމަށް ވަނީ ހުޅުވާލާފައެވެ. އެންމެ ރީތިކޮށް އަދި އުފެއްދުންތެރިކަމާއެކު ޑިޒައިންކޮށް ދިއްލާފައިވާ 3 ގޭބިސީއަކަށް، ކޮންމެ ގޭބިސީއަކަށް /-5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާފުށިން ޢީދަށް ވަމުންއަންނަ ތައްޔާރީތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބި، މިހާރުވެސް ބައެއް ފަރާތްތަކުން ހޮޓާ އަދި ގެސްޓްހައުސްތައް ބުކްކުރަމުން ދާކަން ފާހަގަކޮށް، ދުރާލައި ލޯންޗު ޓިކެޓާއި ގެސްޓްހައުސްތަކުން ރޫމްތައް ބުކް ކުރުމަށް މާފުށި ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.