ޚަބަރު

ޝަމްއާންގެ މައްޗަށް 3 ދަޢުވާއެއް، ސާބިތުވެއްޖެނަމަ 9 އަހަރާއި 9 މަހުގެ ޖަލު ޙުކުމެއް އަންނާނެ


  • ޝަމްއާންގެ އިތުރުން އިތުބައެއްގެ މައްޗަށްވެސް ވަނީ ދަޢުވާ އުފުލާފައި

މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކުރީގެ ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދުގެ މައްޗަށް 3 ދަޢުވާއެއް އުފުލައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ޝަމްޢާންގެ މައްޗަށް ކޮށްފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާކަމަށެވެ.

ޝަމްޢާންގެ މައްޗަށް މި ދަޢުވާތައް އުފުލާފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގައި ޢަމަލުކުރާ ޢާންމު އުޞޫލާ ޚިލާފަށް، ކޮންޓްރޯލަރގެ ބިއުރޯގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ފޮނުވައިގެން 11 މާރިޗު 2025 ދުވަހުގެރޭގެ ވަގުތެއްގައި ބިދޭސީންތަކެއް ދިރިއުޅޭ ގެއަކަށް "އިމިގްރޭޝަން ޗެކް" އަކަށް ކަމަށް ބުނެ ވަދެ، އެތަނުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތަކު 530،000 ރުފިޔާއާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާ ދޫކޮށްދިނުމަށް އެދި އޭނާގެ ސްޕޮންސަރުގެ ނަމުގައި ޞައްޙަ ނޫން ސިޓީއެއް ހުށަހެޅުމުން، މައިނުއްދީން ބަންދުން ދޫކޮށްލުމަށް ޝަމްޢާން އެންގުމުން، ކޮންޓްރޯލަރގެ ބިއުރޯގައި މަސައްކަތްކުރަމުން ދިޔަ ގ. ހެޕީސައިޑް، އިބްރާހީމް އަޙްމަދު، މޯލްޑިވްސް އިމިގްރޭޝަންގައި ބޭނުންކުރަމުން ދިޔަ ކާރަކަށް އަރުވައިގެން ގެންދިޔަ ވަގުތު، އޭނާގެ އަތުގައި ހުރި ފައިސާގެ ތެރެއިން 500،000 ރުފިޔާ އަތުލުމަށް ޝަމްޢާން، އިބްރާހީމް އަޙްމަދަށް އަންގާފައިވާތީއާއި، އޭނާ އެންގި ގޮތަށް އެފައިސާ މައިނުއްދީން އަތުން އަތުލުމުން، އެ ފައިސާގެ ތެރެއިން 400،000 ރުފިޔާއާ ޝަމްޢާން ޙަވާލުވެފައިވާތީ ކަމަށެވެ.

މި ދަޢުވާތަކާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި މައިނުއްދީން އަށް 500،000 ރުފިޔާ އަދި ދައުލަތަށް އިތުރު 400،000 ރުފިޔާ ނަގައިދިނުމަށް ކޯޓުގައި އެދިފައެވެ. މި މައްސަލާގައި ގ. ހެޕީ ސައިޑް، އިބްރާހީމް އަޙްމަދުގެ މައްޗަށް ފޭރުމުގެ ކުށުގެ ދަޢުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، މަނީ ލޯންޑްރިންގއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދަޢުވާ ދައުލަތުން އުފުލާފައިވެއެވެ.

އަދި ތ. ބުރުނި، މޫނިމާގެ، މުޙައްމަދު އަލްސަން އިސްމާޢީލްގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދަޢުވާ ކޮށްފައިވޭ. މީގެ އިތުރުން ގ.ހެޕީސައިޑް، ޙަސަން ސެހެޝާންގެ މައްޗަށް ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އުފުލާފައިވެއެވެ. މީގެ އިތުރުން މ. ހަޒާރީވިލާ، އަޙްމަދު ލައްސާންގެ މައްޗަށް ފޭރުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ދައުލަތުން ވަނީ އުފުލާފައިވެއެވެ.

މި މައްސަލައިގެ ހެކިންނަށް ނުފޫޒުފޯރުވަފާނެކަމަށް ބަލައި މުޙައްމަދު ޝަމްޢާން ހުރީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ. މި ދަޢުވާތައް ސާބިތުވެއްޖެނަމަ ޝަމްޢާންގެ މައްޗަށް މަދުވެގެން 9 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ.