ޤަވާއިދާއި ހިލާފަށް ދުންފަތް ރާއްޖެ އެތެރެކޮށް ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 12:15 އެހައިކަންހާއިރު ވިލިމާލެ ފުލުހުން ހިންގި އޮޕަރޭޝަނުގައި، ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏެއް ބަލައި ފާސްކުރިއިރު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ، މެންޗެސްޓަރ ބްރޭންޑުގެ 32 ކާޓަން ސިނގިރެޓް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އުމުރުން 45 އަހަރުގެ އަބްދުލް ކަރީމް ކިޔާ ބަންގްލަދޭޝް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީނާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއްކަން ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.