މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ފަތުރުވެރިކަމުގެ އޮކިއުޕަންސީ ރޭޓް އިތުރުވެފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓަކުން ދައްކައިފިއެވެ. އެމްއެމްއޭގެ ކުއާޓަރލީ ބިޒްނަސް ސަރވޭ ރިޕޯޓުން ދައްކާގޮތުން މިކުއަރޓާގައި ފަތުރުވެރިކަން ވަނީ ކުރިއެރުން ހޯދާފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއަރޓާގެ ބިޒްނަސް ސަރވޭ ރިޕޯޓުގައިވާ ގޮތުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން އެއްކޮށްފައިވާ މައުލޫމާތަށް ބަލާއިރު ފުރަތަމަ ކުއަރޓާގައި ފަތުރުވެރިކަމުގެ ސިނާޢަތް ވަނީ ކުރިއަރާފައެވެ.
މިރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރުގެ ފަހު ކުއަރޓާއާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ އޮކިއުޕަންސީ ރޭޓް ވަނީ %8 ކުރިއަރާފައެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ އަދަދުވެސް ފުރަތަމަ ކުއަރޓާގައިވަނީ %8 އިތުރުވެފައެވެ.
ކުއަރޓާލީ ބިޒްނަސް ސަރވޭ ރިޕޯޓުން ދައްކާގޮތުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މާލީ ހާލަތުވެސް ފުރަތަމަ ކުއަރޓާގައި ވަނީ ކުރިއަރާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއަރޓާއާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ކުންފުނިތަކުގެ މާލީ ހާލަތަށް %3އިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.
ޖުމްލަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތައް މިއަހަރުގެ މިހާތަނަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.
މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 923،390 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 854،928 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %8 އިތުރުވުމެކެވެ.