ޚަބަރު

ހަނިމާދޫ އެއަރޕޯޓް: އެންމެ ޒަމާނީ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް


  • ފުރަތަމަ ފަންގިފިލާ ބޭނުންކުރާނީ ބައިނަލްއަޤްވާމީ ދަތުރުތަކަށް

  • އެއަފަހަރާ 9 ބޯޓު އޭޕްރަންގައި ބޭއްވޭނެ

  • ޑިއުޓީ ފްރީއާއި އެފް.އެންޑް.ބީގެ ޚިދުމަތްވެސް ޓަރމިނަލުން ލިބޭނެ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލްގެ މަސައްކަތްތައް އަންނަ ޖުލައިމަހުގެ ނިޔަލަށް ނިންމާ، ޚިދުމަތްދޭން މަސައްކަތްކުރަމުންދާ ކަމަށް ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވެއްޖެއެވެ. މިއީ ވަރަށް ގިނަ އިތުރު ބައިތައް މަޝްރޫޢުގެތެރޭގައި ހިމެނޭ މަސައްކަތަކަށްވާތީ، މުޅި މަޝްރޫޢުގެ މަސައްކަތް ނިންމޭނެކަމަށް ލަފާކޮށްފައިވަނީ މި އަހަރުގެ ނިޔަލަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ އުތުރުގެ ތަރައްޤީއަށް އެންމެ ބޮޑު ކުރިއެރުމެއް ގެންނާނެ އެއް މަޝްރޫޢުއެކެވެ. 2022 ވަނަ އަހަރު ފެށި މި މަޝްރޫޢުއަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް، ޙަގީގީ ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއްގެ ގޮތުގައި ޚިދުމަތް ދިނުމަށް ފެށި މަސައްކަތެކެވެ.

އެއަރޕޯޓްގެ މުޅި ރަންވޭ މި މަޝްރޫޢުގެތެރެއިން އާކޮށްފަވާއިރު، މިހާރު ފްލައިޓް ޖެއްސުމަށް ބޭނުންކުރަނީ އާ ރަންވޭއިން ބައެކެވެ. 2460 މީޓަރުގެ މި ރަންވޭއަކީ ދުނިޔޭގެ ބޭނުންކުރާ އެންމެ ބޮޑެތި ބޯޓުފަހަރާ ގާތްކުރާ ސައިޒުގެ ބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ.

ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ މި މަޝްރޫޢުގައި، ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓުން އަހަރަކު 1.3 ފަސެންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.

އެއަރޕޯޓު މަޝްރޫޢުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވަމުން ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވީ، މުޅި މަޝްރޫޢުގެ %83 މަސައްކަތް މިހާރު ނިމިފަވާކަމަށެވެ.

ހަނިމާދޫ އެއަރޕޯޓްގެ މަސައްކަތްތައް ހަލުވިކުރުމަށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ގިނަ މަސައްކަތްތައް ދަނީ ކުރަމުންނެވެ. ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވީ އެއަރޕޯޓްގެ މަސައްކަތްތައް އަވަސްކުރުމަށް 24 ގަޑިއިރު މިހާރު މަސައްކަތް ކުރަމުންދާކަމަށެވެ. އަދި 800އަށްވުރެ ގިނަ މުވައްޒަފުން އެއަރޕޯޓްގެ އެކި މަސައްކަތްތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މުޅި މަޝްރޫޢުގައި މިހާރު ކުރަމުންދަނީ އެންމެ ފަހުގެ މަސައްކަތްތަކެވެ.

"އަޅުގަނޑުމެއް މަސައްކަތް ކުރަމުން ދަނީ ޖުލައިމަހުގެ ނިޔަލަށް އެއަރޕޯޓްގެ މަސައްކަތްތައް ޚިދުމަތް ދެވޭ މިންވަރަށް ނިންމުމަށް. މިއީ ވަރަށް ބައިވަރު ބައިތައް ހިމެނޭ މަޝްރޫޢުއަކަށްވާތީ، މަޝްރޫޢުގެ ހުރިހާ މަސައްކަތްތައް ނިމޭނެކަމަށް އަންދާޒާކުރަނީ މިއަހަރުގެ ނިޔަލަށް" ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓަރމިނަލްގެ ސްޓްރަލްޗަރގެ މަސައްކަތްތައް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ. މިއީ މޫދު "މަޑި" ސިފަވާ ފަރުމާއަކަށް ތަރައްޤީކުރާ އިމާރާތެކެވެ.

ޓަރމިނަލް ތަރައްޤީކުރަނީ ދެ ފަންގިފިލާއަށެވެ. އެންމެ ތިރީ ފަންގިފިލާ ޚާއްސަކުރަނީ އެތެރޭގެ އުދުހުންތަކަށެވެ. އަދި ފުރަތަމަ ފަންގިފިލާ ބޭނުންކުރާނީ ބައިނަލްއަޤްވާމީ ދަތުރުތަކަށެވެ. އަތޮޅުތަކުގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ހުންނާނީ ހަނިމާދޫ އެއަރޕޯޓްގައެވެ. ކޮންމެ ފަންގިފިލާއެއްގައި 2 ގޭޓު ހިމެނެއެވެ.

ފުރަތަމަ ފަންގިފިލާގައި އިއމިގްރޭޝަންގެ 8 ކައުންޓަރުގެ ޖާގަ ހުންނާނެއެވެ. މީގެއިތުރުން ޑިއުޓީ ފްރީގެ ޚިދުމަތާ، ކާބޯތަކެތި ވިއްކާ ކެފޭތަކުގެ ޚިދުމަތްވެސް ފަސެންޖަރުންނަށް ލިބޭނެއެވެ.

ހަނިމާދޫ އާ އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ކުރެވޭނެ ޖާގައިގެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެއީ 3 އެއަރބަސް އަދި 6 އޭޓީއާރް މަތިންބޯޓަށް އެއްފަހަރާ ޕާކުކުރެވޭނެ ޖާގައެވެ. މި މަޝްރޫޢު ނިމުމުން، ހަނިމާދޫ އެއަރޕޯޓުން އޭ.320 އަދި ބޮއިންގް 737ގެ މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ކޭޕީއައިއެލް ކުންފުންޏާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގައި ހިމަނައިގެން ހަނިމާދޫ އެއަރޕޯޓްގައި 5 މެގަވޮޓްގެ އިންޖީނުގެއެއްވެސް ވަރަނީ ތަރައްޤީކޮށްފައެވެ. އެއަރޕޯޓްގައި ފިއުލް ފަރމާއި ހެނގަރު އަދި ކާގޯ ފެސިލިޓީވެސް ހިމެނެއެވެ.

އަދި އެއަރޕޯޓަށް ފަސޭހައިން ކައިރިކުރެވޭގޮތަށް ޖެޓީ ހިމެނޭއިރު، ޓަމިނަލާ ޖެޓީއާއި ދެމެދު ހުންނާނީ ގާތްގަނޑަކަށް 30އަކަށް ފޫޓުގެ ދުރުމިނެވެ. ޓަނމިނަލް ބޭރުގައިވެސް މަޑުކޮށްލައިގެން ތިބެން އަދި ކެއިންބުއިމުގެ ޚިދުމަތް ލިބޭގޮތަށް ހުންނަ އިމާރާތެއްވެސް ހުރެއެވެ.

މި މަޝްރޫޢު ވެގެންދާނީ މުޅި އުތުރުގެ އިގްތިޞާދަށް ބޮޑު ކުރިއެރުމެއް ގެނުވާނެ މަޝްރޫޢުއަކަށެވެ.