ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ، ވައިގެ މަގުން ރާއްޖެ އެތެރެކޮށްފައިވާ ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރިކަމަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާގުޅިގެން ރޭ އެ ޝިޕްމެންޓް ބަލައި ފާސްކުރުމަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރޭގައެވެ.
ކަސްޓަމްސްއިން ވިދާޅުވީ އަތުލައިގަތް މަސްތުވާތަކެތި ފުރަތަމަ މަރުޙަލާގެ ތަހުލީލުތަކުން މެތަމްފެޓަމައިނަށް ވަނީ ޕޮޒިޓިވް ވެފައިކަމަށެވެ. މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 3.6 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 7.2 މިލިޔަން ދިވެހި ރުފިޔާކަމަށް ލަފާކުރެވޭކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.
މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރުވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައެވެ.