ދިރާގު ދިވެހި ލީގުގައި ޒުވާން ކުޅުންތެރިންނާ އެކު ނުކުމެ ކްލަބް ވެލިންސިއާ އިން ކުޅުނު ފުރަތަމަ މެޗުން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮއްފިއެވެ.
ވެލެންސިއާގެ ފުރަތަމަ 11 ގައި މައިގަނޑު ގޮތެއްގައި ތިބީ ޒުވާން ކުޅުންތެރިންނެވެ. ޓީމުގައި ގިނައިން ހިމެނެނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނެވެ. އެ ޓީމުގެ 8 ކުޅުންތެރިން ވެލެންސިއާގައި ހިމެނެ އެވެ. ދެން ހިމެނެނީ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނެވެ. އެ ޓީމުގެ ވެސް 8 ކުޅުންތެރިން ހިމެނެ އެވެ.
ގްރީން އިން މެޗަށް ނުކުތީ އެންމެ ފަހުންވެސް ލީގުގައި ވާދަކުރިއިރު ތިބި ގިނަ ކުޅުންތެރިންނާއެކު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި މާ ގިނަ ހަމަލާތަކެއް އުފައްދަން ދެޓީމަށް ވެސް ފުރުސަތު ލިބިފައެއް ނުވެއެވެ. މެޗުގެ 9 ވަނަ މިނިޓުގައި ގްރީން ސްޓްރީސްޓްގެ ބިދޭސީ ފޯވާޑް އޮބައިޑާ ކާދިމް އަހުމަދު އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
މެޗު 14 ވަނަ މިނުޓުގައި ވެލެންސިޔާ އަހުމަދު ކިޔާން ގަޔާޝް ދިން ބޯޅައެއް އޭރިޔާ ތެރެއިން ކުޅުންތެރިއެއް ކައިރިން ނައްޓާލާފަ ވެލެންސިއާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އީތަން އިބްރާހިމް ޒަކީ ވަނީ ގޯލަށް ބޯޅަ ފޮނުވާލާ ލީޑު ނަގައިދީފައެވެ.
އީތަން ވަނީ މެޗުގެ 24 ވަނަ މިނުޓުގަ ވެސް އޭރިޔާ ތެރެއަށް ވަދެ ހަމަލާއެއް ފޮނުވާލާފައެވެ. ފުރަތަމަ ހާފުގައި ދެން އެންމެ ހުސް ފުރުސަތެއް ލިބުނީ ވެލެންސިއާގެ ބިދޭސީ ފޯވާޑް ބޫބާ ސިއްލާއަށެވެ. އޭރިޔާ ތެރެއަށް ވަދެ ދެ ކުޅުންތެރިން ކައިރިން ނައްޓާލާފަ ފޮނުވާލި ބޯޅަ ދިޔައީ ގްރީންގެ ޑިފެންޑަރެއްގެ ފައިގަ ޖެހިފަ ބޭރަށެވެ.
ވެލެންސިއާ އިން ލީޑު އިތުރަށް ފުޅާ ކުރީ މެޗުގެ 66 ވަނަ މިނިޓުގައި އީތަން ހުރަސް ކޮއްލި ބޯޅައެއް ބޯބާ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. މި ލަނޑަށް ފަހު ވެސް އީތަން ހުސްކޮށް ދިން ފުރުސަތެއް ބޮބާ އަށް ވަނީ ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.
މި މެޗުގައި ގްރީންގެ ލަނޑު ކާމިޔާބު ކުރީ މެޗުގެ އިތުރުވަގުތު ތެރޭގައި އެޓީމުގެ މިސްރު ކުޅުންތެރިޔާ އެލް ސައީދު ބޯޅަ ޖައްސާލަމުން ވަރަށް ހަމަޖެހިލާފަ އޮބައިޑާ ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދައިލައިގެންނެވެ.
މިމެޗާ އެކު ލީގުގައި ވާދަކުރާ 10 ޓީމުން ވަނީ އެއްމެޗު ކުޅެފައެވެ. ލީގުގެ ދެވަނަ ހަފްތާގެ ކުޅުން ފެށޭނީ ބުދަ ދުވަހު ހަވީރު ކްލަބް އީގަލްސް އާއި ބުރު ސްޕޯޓްސް ކްލަބް މެޗުންނެވެ.