ޚަބަރު

ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވަމުންދިޔަ ޑިޕްލޮމެޓިކް ވަފުދަކަށް އިސްރާއީލުން ދިން ހަމަލާ ސަރުކާރުން ކުށްވެރިކުރައްވައިފި


  • މިއީ ބައިނަލްއަޤްވާމީ ޤާނޫނާއި ޑިޕްލޮމެޓިކް އުޞޫލުތަކާއި ޚިލާފު ޢަމަލެއްކަމަށް ވަނީ ވިދާޅުވެފައި

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގައި ހަރަކާތްތެރިވަމުންދިޔަ ޑިޕްލޮމެޓިކް ވަފުދަކަށް އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ދިން ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ބައިނަލްއަޤްވާމީ ޤާނޫނާއި ޑިޕްލޮމެޓިކް އުޞޫލުތަކާއި ހިލާފަށް ހިންގި މި އަމަލާމެދު ނުހަނު ކަންބޮޑުވާކަމަށާއި މިއީ ބައިނަލްއަޤްވާމީ މުޖުތަމައުން ހަރުކަށި އިބާރާތުން ކުށްވެރިކުރެވެންޖެހޭ ކަމެއްކަމަށެވެ. އަދި އިސްރާއީލުގެ މި އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން އިސްރާއީލަށް މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތަކާއި މުޅިން ހިލާފުކަމެއްކަމަށާއި، ޑިޕްލޮމެޓިކް މިޝަންތަކާއި، ޑިޕްލޮމެޓިކް މުވައްޒަފުންނަކީ ވިއެނާ ކޮންވެންޝަންގެ ދަށުންވެސް އިމްތިޔާޒުތަކާއި ރައްކާތެރިކަން ލިބިފައިވާ ތަންތަނާއި ފަރާތްތަކެއްކަންވެސް ޚާރިޖިއްޔާގެ ބަޔާނުގައިވެއެވެ.

އިސްރާއީލްގެ މި އަމަލުތައް، ކުށްވެރިކޮށް، ބައިނަލްއަޤްވާމީ މުޖުތަމައުން، އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތައް މުގުރާލައި ދެމުންދާ ހަމަލާތަކަށް ޖަވާބުދާރީކުރުވައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުޢާހަދާތަކާއި ޑިޕްލޮމެޓިކް އުޞޫލުތަކާ އެއްގޮތަށް ޑިޕްލޮމެޓިކް މިޝަންތައް ހިމާޔަތްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްވެސް ޚާރިޖިއްޔާގެ ބަޔާނުގައިވެއެވެ.