ޚަބަރު

ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި 29 މަރު، ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނޭ


ފާއިތުވި ހަފްތާތަކުގައި ކުޑަކުދިންނާއި ދުވަސްވީ މީހުން ހިމެނޭ ގޮތަށް ފަލަސްޠީނުގެ ޣައްޒާގެ 29 ރައްޔިތުން ހައިހޫނުގައި ޖެހުމުގެ ސަބަބުން މަރުވެފައިވާ ކަމަށާއި އެތައް ހާސް ބަޔަކު ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސުން ޖަމާޢަތުން ޔަހޫދީންނަށް ދިން ޙަމަލާއަކަށް ބަދަލުހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ހަމަ އެ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް އެ މީހުންގެ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53،600އަށް އުފުލިފައިވާއިރު، އިތުރު 120,000އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަޞީލަތްތައް ވެސް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.



ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އެއްބަސްވުމާ ޚިލާފުވުމުގެ ދުވަސްކޮޅެއް ކުރިން ޔަހޫދީން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސް އަޅާފައެވެ. އޭގެ ފަހުން ދެ މަހަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު ޣައްޒާގެ 2.3 މިލިޔަން ރައްޔިތުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމާ ކުރިމަތިލަމުންނެވެ.

ނަމަވެސް ޔަހޫދީން މިހާރު ވަނީ ޣައްޒާއަށް މަދު ޢަދަދަކަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދީފައެވެ. މިހާތަނަށް 90 ލޮރީގެ ސާމާނު ޣައްޒާއަށް އެތެރެ ކޮށްފައިވާއިރު އެއީ ޣައްޒާގެ 2.3 މިލިޔަން މީހުންނަށް ބޭނުންވާ މިންވަރާ ގާތް ވެސް ކުރާ ޢަދަދެއް ނޫނެވެ.

ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވަޒީރު މާޖިދު އަބޫ ރަމަޟާން ވިދާޅުވީ މިދިޔަ ދުވަސްތަކުގައި 29 ކުޑަކުދިންނާއި ދުވަސްވީ މީހުން ހައިހޫނުގައި ޖެހުމުގެ ސަބަބުން ކުރިމަތިވި ތަފާތު ޙާލަތްތަކުގައި ޝަހީދުވެފައިވާ ކަމަށެވެ. އެހީގެ ސާމާނު ނުލިބޭނަމަ ޣައްޒާގެ 14،000 ތުއްތުކުދިން ޝަހީދުުވުން އެކަށީގެންވާ ކަމަށް އދން ބުނި ބުނުމާ ގުޅޭގޮތުން އޭނާ ވިދާޅުވީ އދން އަންދާޒާ ކޮށްފައިވާ ޢަދަދަށް ހަޤީޤަތުގައި ވެސް ބަނޑުހައިހޫނުކަމުގެ ތުއްތުކުދިން މަރުވުން އެކަށީގެންވާ ކަމަށާއި އެ ޢަދަދަށް ވުރެ އިތުރަށް ވެސް ކުދިން ޝަހީދުވުން އެކަށީގެންވާ ކަމަށެވެ.

އަބޫ ރަމަޟާން ވިދާޅުވީ ޣައްޒާގައި ހުރި 36 ހަސްފަތާލުގެ ތެރެެއިން ކޮންމެ ވެސް ވަރަކަށް ހިންގެނީ އެންމެ 7 ނުވަތަ 8 ހަސްފަތާލު ކަމަށެވެ. ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސްއެޅުމާ ގުޅިގެން ޞިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ ސާމާނުގެ 90 އިންސައްތަ މިހާރު އެއްކޮށް ހުސްވެފައިވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ޣައްޒާއަށް މިހާތަނަށް ވެއްދި މަދު ސާމާނުގެ ތެރޭގައި އެއްވެސް ޞިއްޙީ ސާމާނެއް ނުހިމެނޭ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޣައްޒާގެ ޙާލަތު ވަޒަންކުރި ބައިނަލްއަޤްވާމީ ބަނޑުހައިހޫނުކަމާބެހޭ އިދާރާއަކުން ވަނީ ޣައްޒާގެ ބައި މިލިޔަން މީހުން ބަނޑުހައި ހޫނުކަމާ ކުރިމަތިލަމުންދާ ކަމަށް ބުނެފައެވެ.